ތާލިބާނުގެ ތަރުޖަމާން ޗައިނާގެ ގްލޯބަލް ޓައިމްސްއަށް ދިން އިންޓަރވިއުއިން ތާލިބާނާ މެދު ޗައިނާއިން ކުރަމުން އައި އިތުބާރު ގެއްލޭ ގޮތް ވެއްޖެއެވެ. ސުހައިލް ޝާހީން ގްލޯބަލް ޓައިމްސްއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އަފްޣާނިސްތާންގައި މިހާރު އުއިގޫރު މުސްލިމު ހަނގުރމަވެރިންނެއް ނުތިބޭނެ ކަމަށެވެ. އުއިގޫރު މުސްލިމު ހަނގުރާމަ ވެރިންނަކީ އީސްޓް ތުރުކިސްތާން އިސްލާމިކް މޫވްމެންޓްގެ ނަމުން ޗައިނާއިން ޓެރަރިސްޓް ޖަމާއަތެއްކަމަށް ލޭބަލް ކޮށްފައިވާ މީހުންނެވެ.

ޝާހީން ވިދާޅުވީ ތާލިބާނުން ވެރިކަމަށް އައިފަހުން އެމީހުންނަށް އަފްޣާނިސްތާން ދޫކޮށް ދިއުމަށް އެންގީ ކަމުގައި އޭނާ ބުންޏެވެ. އަދި އީސްޓަން ތުރުކިސްތާން އިސްލާމިކް މޫވްމެންޓްގެ މީހުންނަށް އެއްވެސް ގައުމަކާ ދެކޮޅަށް އަފްޣާނިސްތާން ބޭނުން ނުކުރެވޭނެކަންވެސް އަންގާފައި ވާނެ ކަމުގައި އޭނާ ބުންޏެވެ.

ޗައިނާއިން ބަލާ ގޮތުގައި އިސްލާމިކް މޫވްމެންޓްގެ މީހުންނަކީ ތާލިބާނުންގެ އެހީ ތެރިކަން ލިބިގެން ކުރިން ހަރަކާތްތެރިވި ބަޔެލެވެ. އަދި ތާލިބާނުން ބޯޑަރުތައް ކޮންޓްރޯލް ކުރަން ފެށުމުން އިސްލާމިކް މޫވްމެންޓްގެ މީހުންނަށް ޕާކިސްތާނާއި ތާޖިކިސްތާނަށް ބޭރުވުމަށް ފުރުސަތު ދިނީ ކަމަށްވެސް މިހާރު ޗައިނާއިން ގަބޫލު ކުރެއެވެ.

ޗައިނާއަކީ ތާލިބާނަށް އެންމެ ފުރަތަމަ އެހީތެރިވާނެ ކަމުގެ އިޝާރާތް ކުރި ގައުމެވެ. އަދި ޗައިނާއިން ލަފާ ކޮށްފައި އޮތީ ތާލިބާނަށް ވެރިކަން ލިބުމުން އިސްލާމިކް މޫވްމެންޓްގެ މީހުން ޗައިނާއާ ޙަވާލު ކުރާނެ ކަމަށެވެ.

ޗައިނާއިން އެންމެ ނުރައްކާ ޓެރަރިސްޓުންކަމަށް ބަލާފައިވާ އަދި ޗައިނާގެ ޝިންޖިއާން ސަރަހައްދު ވަކި ކުރުމަށް ހަނގުރާމަ ކުރުމަށް ވާހަކަ ދައްކާ އުއިގޫރު މީހުން، ޗައިނާއާ ޙަވާލު ނުކުރާ ގޮތަށް ޝާހީން ވާހަކަ ދެއްކުމާއި އަދި އެމީހުން އަފްޣާނިސްތާނގައި ނެތް ކަމަށް ބުނުމުން ތާލިބާންގެ އިތުބާރު ގެއްލޭ ކަމަށް ޗައިނާ މުހައްލިލުން ބުނެއެވެ.

ގްލޯބަލް ޓައިމްސްގެ އިންޓަރވިއުއަށްފަހު ޗައިނާ މަސްއޫލުވެރިން ދަނީ ތާލިބާނުންގެ ވާހަކަ ދިރާސާ ކުރަމުންނެވެ.