އަފްޣާނިސްތާންގެ ފޮރިން މިނިސްޓްރީގެ 80 އިންސައްތަ ސްޓާފުން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ. އަދި އަފްޣާނިސްތާންގެ އެމްބަސީތަކަށް ވާން އުޅޭ ގޮތެއްވެސް ސާފެއްވެސް ނޫނެވެ.

ޕަކްވޯކް ނޫހަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވާ ގޮތުގައި ބައެއް އެމްބަސީތައް ހިންގަމުން ގެންދަނީ ތާލިބާންގެ ސަރުކާރާ ނުބައްސައެވެ. އަދި އެތަންތަން ހިންގަން ފައިސާ ހޯދާ ގޮތެއްވެސް ފޮރިން މިނިސްޓްރީއަކަށް ނޭނގެއެވެ.

އަނެއް ބައި އެމްބަސީތަކުން ބުނެފައި ވަނީ ތާލިބާނުން އަންގާ އެންގުންތަކަށް އެ އެމްބަސީތައް ތަބާ ނުވާނެ ކަމަށެވެ.

ތާލިބާން އިން ބޭރާ ގުޅުން ގާއިމް ކުރުމަށް މަސައްކަތް ކުރާ އިރު އެކަން ކޮށްދޭނެ މުވައްޒަފުންނެއް އަފްޣާން ފޮރިން މިނިސްޓްރީގައެއް ނެތެވެ.

ތާލިބާންގެ ބަސް ގަބޫލު ނުކުރާނެ ކަމަށް ބުނާ އެމްބަސީތަކުން ރިޕޯޓް ކުރަމުން ދަނީ ކުރީގެ ފޮރިން މިނިސްޓަރ ހަނީފް އާޓްމާރަށާއި ނާއިބް ރައީސް އަމްރުﷲ ސާލިޙަށެވެ.