ތާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައުމުގެ ސަބަބުން އަލުން އަލްގައިދާގެ ހަރަކާތްތައް އާލާވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން އިންޒާރު ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާންގެ ސަރަހައްދު އެހެން ގައުމުތަކާ ދެކޮޅަށް ބޭނުން ނުކުރާނެ ކަމަށް ތާލިބާނުން ބުނެފައިވީ ނަމަވެސް އެވާހަކައަށް އިތުރުބާރު ކުރާކަށް ނުވާނެ ކަމަށެވެ.

ތާލިބާނުން ވަނީ އޮގަސްޓް 15ގައި ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނަސް، ތާލބާންގެ ވަގުތީ ސަރުކާރެއް އިއުލާން ކޮށްފައެވެ.

ބްލިންކެން މިފަދައިން ވިދާޅުވުމުގެ ކުރިން ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ސީއައިއޭގެ ޑެޕިއުޓީ ޑިރެކްޓަރ ވިދާޅުވެފައި ވަނީ، އަލްގާއިދާގެ ހަރަކާތްތައް އާލާވާކަމުގެ ނިޝާންތައް އަފްޣާނިސްތާނުން ފެންނަމުންދާ ކަމަށެވެ.

އެމެރިކާގެ ސެނެޓްގެ ބައެއް މެމްބަރުން އެމެރިކާ ސަރުކާރަށް ގޮވާލާފައިވަނީ ތާލިބާނަކީ އިންޓަރނޭޝަނަލް ޓެރަރިސްޓް ޖަމާއަތެއްކަމަށް އިޢުލާން ކުރުމަށް އެމެރިކާއިން އަވަސްވެ ގަތުމަށެވެ.