އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑާއި ޓައިވާން ސަރަހައްދުގައި ބޮޑެތި ބާރުގެ މެދުގައި ބޮޑު ވާދަވެރިކަމެއް ފެށިފައިވާ ކަމަށް އިންޑިއާއަށް ފޮނުވާފައިވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ހާމަ ކުރައްވައެވެ. ބެރީ އޯ ފެރަލް، މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑާއި ދެކުނުޗައިނާ ކަނޑު ހިމެނޭ ގޮތަށް އޮންނަ ސަރަހައްދުގައި ވަކި އެއް ގައުމަކުން ބާރު ދައްކައިގެން އެގައުމުގެ ބާރު އެހެން ގައުމުތަކުގެ މައްޗަށް މަޖުބޫރު ކުރެވިގެން ނުވާނެ ކަމަށެވެ. އެހެންވެއްޖެ ނަމަ، ހަނގުރާމައަކަށް މަގުފަހި ކުރުމަށް ފުރުސަތު އޮންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ހައިކޮމިޝަނަރ ފެރަލް ވާހަކަ ދެއްކެވީ، އޮސްޓްރޭލިއާއާއި އެމެރިކާއާއި އިނގިރޭސިވިލާތް ބައިވެރިގެން އުފައްދާފައިވާ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ދިފާއީ އެއްބައިވަންތަ ކަމުގެ ޖަމާއަތާ ގުޅުވައިގެންނެވެ. މިދިޔަ ބުދަ ދުވަހު އެކުލަވާފައިވާ އަސްކަރީ ދިފާއީ ތިން ގައުމުގެ ޖަމާއަތް "އައުކަސް" އަކީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ޗައިނާގެ އިތުރު ވަމުންދާ ނުފޫޒާ ކުރިމަތި ލުމަށް އެކުލަވާފައިވާ އަސްކަރީ ސަލާމަތީ ދިފާއީ ޖަމާއަތެކެވެ.

މި ތިން ގައުމުގެ ތެރޭން އޮސްޓްރޭލިއާ އާއި އެމެރިކާއަކީ ޖަޕާނާއި އިންޑިއާއާއެކު ކުއޯޑްގެ ނަމުން ހަތަރު ގައުމު ބައިވެރިވާ އިންޑޯ ޕެސިފިކްގެ ސަލާމަތާ ބެހޭ އަސްކަރީ ގުޅުމުގެ ބައެއް ވެސް މެއެވެ.