ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ މަސައްކަތް ލަސްވަމުން ދާކަމުގެ ޝަކުވާތައް ޗައިނާއިން ޕާކިސްތާނަށް ހުށަހަޅައިފިއެވެ. ޕާކިސްތާން ޕާލަމެންޓްގެ މަތިގެ، ސެނެޓްގެ ޕެނަލްއަކުން ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި ސީޕެކްގެ ޕްރޮޖެކްޓްތައް ހިނގަމުން ގޮސްފައިވާ ގޮތް ދިރާސާ ކޮށްފައެވެ. ސެނެޓްގެ ސްޓޭންޑިން ކޮމިޓީ އޮން ޕްލޭނިންގ އެންޑް ޑިވެލޮޕމެންޓުގެ ރިއާސަތުން މަޢުލޫމާތު ދެއްވިގޮތުގައި ޗައިނާ އެމްބެސެޑަރު ވަނީ ސީޕެކްގެ މަޝްރޫއުތައް ކުރިއަށް ނުޑާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއަކީ އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްގެން ޗައިނާއާއި ޕާކިސްތާން އެއްގަމު މަގުން ގުޅުވާލުމާ އެކު ޕާކިސްތާންގައި އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްކެވެ.

ޗައިނާ އިން ބުނާ ގޮތުން ޕާކިސްތާންގެ ކޮވިޑްގެ ހާލަތާއި މަޝްރޫއުތައް ހިންގާ ސަރަހައްދުތަކުގައި ހިންގާ ޓެރަރިސްޓް ހަމަލާތަކާއި ޕާކިސްތާނުން ޗައިނާއަށް ދަރަނި ދެއްކުމުގައި ލަސްތަކެއް އުޅުމުގެ ސަބަބުން މަޝްރޫއުތައް ލަސް ވެފައި ވަނީއެވެ.

ޚާއްސަ ގޮތެއްގައި ކަރަންޓް އުފެއްދުމުގެ ދާއިރާގެ ޕްރޮޖެކްޓްތައް ލަސްވެފައި ވުމުގެ ސަބަބުން އާންމު ފަރާތްތަކުންވެސް ޝަކުވާ ކުރެއެވެ. އަދި ބަލޯޗިސްތާން މީހުން ބުނާ ގޮތުގައި އެމީހުންގެ ރިސޯސް ނަގައިގެން އެމީހުންނަށް ފައިދާ ނުވާ ގޮތަށް ސީޕެކްގެ ޕްރޮޖެކްޓްތައް ހިންގައެވެ.