ސަހްޔޫނީ ދައުލަތުން ހިސާރު ކޮށްފައިވާ ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުންދާ ނިކަމެތި ރައްޔިތުންނަށް ފައިސާގެ އެހީ ވެދިނުމަށް ނިންމައި، ގަތަރުން އ.ދ މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ފައިސާގެ އެހީ ބެހުމުގެ މަސައްކަތް ފަށައިފިއެވެ.

ޣައްޒާގެ ރައްޔިތުންނަށް 2014 ވަނަ އަހަރުން ފެށިގެން މާލީ ގޮތުން އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ ގަތަރުން މިފަހަރު ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަނޑައަޅާފައި ވަނީ 40 މިލިޔަން ޑޮލަރުގެ ބަޖެޓެކެވެ. ބޮލަކަށް ދޫރުމަށް ހަމަޖެހިފައި ވަނީ 100 ޑޮލަރަށްވާ އިސްރާއީލީ ޝެކެލްއެވެ. އެއީ ބޮލަކަށް 320.20 ޝެކެލްއެވެ.

ޑޮލަރުގެ ބަދަލުގައި އިސްރާއީލީ ޝެކެލް ޣައްޒާގެ ރައްޔިތުންނަށް ދިނުމަށް ގަތަރަށް މަޖުބޫރުވީ އިސްރާއީލުގެ މިހާރުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެތް މިއަހަރުގެ ޖޫން މަހު މަގާމާ ހަވާލު ވުމަށްފަހު، ޣައްޒާގެ ރައްޔިތުންނަށް ޑޮލަރުގެ އެހީއެއް ފޯރު ކޮށްދެވެން ހުރި މަގުތައް ބަންދު ކުރުމުގެ ސަބަބުންނެވެ. އިސްރާއީލުން ޣައްޒާ ހިސާރު ކޮށްފައިވާއިރު ޣައްޒާއަށް ބޭރުގެ އެއްވެސް އެހީއެއް ވެދެއްނީ އިސްރާއީލުގެ އެއަރޕޯޓް މެދުވެރިކޮށް ސަހްޔޫނީ ދައުލަތުން ހުއްދަ ދިނުމުންކަން ފާހަގަ ކޮށްލެވެއެވެ.

މިއީ މިއަހަރުގެ މެއި މަހު ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި އުދުވާނަށްފަހު، ގަތަރުގެ މާލީ އެހީ ޣައްޒާގެ ރައްޔިތުންން ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގަތަރުން ވަނީ ޣައްޒާގައި މަސައްކަތް ކުރާ ފަލަސްތީނު ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްވެސް އެތައް ފަހަރެއްގެ މަތިން މާލީ އެހީތެރިކަން ފޯރު ކޮށްދީފައެވެ.

ބޮޑު މިނުގައި އެންމެ 362 ސްކެއަރ ކިލޯ މީޓަރ ހުންނަ ޣައްޒާގައި ދެމިލިޔަނެއްހާ މީހުން ދިރިއުޅެއެވެ. ޣައްޒާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަބަޔަކު ތޮއްޖެހިގެން ދިރުއުޅެން ޖެހިފައިވާ ސިޓީއެވެ. ޣައްޒާގައި ވެރިކަން ކުރަމުން ދަނީ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުންނެވެ.