ތ.އަތޮޅު ކިނބިދޫ ވޭރު ސްޕޯޓްސް ކްލަބުން، އަތޮޅުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ހަތަރު ރަށެއް ބައިވެރިކޮށްގެން ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި "ވޭރު ވަންޑޭ ފުޓްސަލް ކަޕް" ގެ ޗެމްޕިއަންކަން ކިނބިދޫ ކުޑަވޭރު ހޯދައިފިއެވެ.

ކުޑަވޭރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޮމަދޫ 6-4 އިން ބަލިކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ކިނބިދޫގެ ޝަހާއު އާއި އިމްރާހް، މިންހާޖް އަދި އޮމަދޫގެ ސާމީ އާއި އަލާއުއެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ގާދިއްފުށީ ޓީމުގެ އައިހަމްއެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީ ކިނބިދޫގެ ޝަހާއުއެވެ.

މުބާރާތުގެ ބައިވެރިވި ހަތަރު ރަށުގެ ޒުވާނުން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ވޭރު ސްޕޯޓްސް

ވަންޑޭ ކަޕުގައި ކިނބިދޫ، އޮމަދޫ، ގާދިއްފުށީގެ އިތުރުން ދެން ބައިވެރިވީ ވިލުފުއްޓެވެ. ވިލުފުއްޓާއި ކިނބިދޫއިން ދެޓީމު ބައިވެރިވިއިރު މުބާރާތް ކުރިއަށް ގެންދިޔައީ ދެގްރޫޕަކަށް ބަހާލައިގެންނެވެ.

ވޭރު ސްޕޯޓްސް ކްލަބުން 2011 އިން 2017 އަށް ތ.އަތޮޅުގެ ރަށްތައް ހުޅުވާލައިގެން މާލޭގައި ފޯރިގަދަ ފުޓްސަލް މުބާރާތެއް ކޮންމެ އަހަރެއްގެ ފިތުރު އީދާ ގުޅުވައިގެން ކުރިއަށް ގެންދިޔަކަންވެސް ފާހަގަ ކޮށްލެވެއެވެ.