އެންމެ ސްޓައިލްކޮށް އެންމެ ފޯރީގައި ކެންޕޭން ކުރަނީ އެމްޑީޕީ އެވެ. މިއީ ހަގީގަތެކެވެ. ތަފާތު ނަންނަމުގައެވެ. ނަމާއެކުގައި އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެން ގުޅިގެން އެޕާޓީން ކުރާ ހިތްވަރަކީ އަޖައިބެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ނިމިގެންދިޔައީއެވެ. އެ އިންތިޚާބުތައް ވެސް ނިމިގެންދިޔައީ ފޯރިއާއި ޖޯޝުގައެވެ. ދެން އޮތީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެކެވެ. ގައުމީ މަޖިލީހުގެ އިންތިޚާބެވެ. އެ އިންތިޚާބު އޮތީ މިމަހު 25 ގައެވެ.މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށް ވިޔަސް ކެންޕޭން ފޯރިއެއް ކުޑައެއް ނުވާނެއެވެ. ކެންޑިޑޭޓުން ގެންދަނީ ހީވާގި ކަމާއެކު ކެންޕޭން ކުރަމުންނެވެ.
ކޮންމެ އިންތިޚާބެއްގައި ވެސް އެންމެ ފޯރިއެއް ހުންނަނީ މާލެއާއި އައްޑޫގައެވެ. މިފަހަރު އައްޑޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތި ލައްވާފައި ބޭފުޅުންގެ ތެރޭގައި މިހާރުގެ ވެސް ރައީސް އަހުމަދު އަދުހަމް ހިމެނިވަޑައިގަންނަވައެވެ. އެއީ ތަޖުރިބާކާރެކެވެ. އެއީ އެމްޑީޕީއަށް އެންމެ ވަފާތެރި ބޭފުޅުންގެތެރެއިން ބޭފުޅެކެވެ. އައްޑޫ ސިޓީގެ އެންމެން ވެސް ބޭނުންވަނީ މިފަދަ ރައީސެކެވެ. ތަރައްގީގެ ޚިޔާލާއި ފިކުރުގެ ބޭފުޅެކެވެ. އައްޑޫގެ އާންމު ރައްޔިތުންނަކީ ވެސް ތަރައްގީގެ ފިކުރުގެ މީހުންނެވެ.
އައްޑޫ ރައްޔިތުންގެ އުންމީދުތައް ވަރަށްގިނައެވެ. މިއުންމީދުތައް ފުރިހަމަ ކުރެވޭނީ އެކިފެންވަރުގައި މަސައްކަތްކުރެވިގެންނެވެ. ސަރުކާރުގެ ވައުދުތައް ރަނުންރަނަށް ފުއްދަވައި ދެއްވުމަށް އެމްޑީޕީ މެދުވެރިކޮށް ކުރެވެންހުރި ކަންކަން ކުރެއްވުމަށް އަދުހަމު ވަރެއްނެތެވެ. އަދުހަމް އައްޑޫސިޓީގެ ދާއިރާގެ ރައީސްކަން ކުރައްވަން ފަށްޓަވައިފައިވަނީ 2010 ވަނަ އަހަރުއެވެ. އެއީ އޭނާގެ ފުރަތަމަ ދައުރެވެ. އެފަހަރު އޭނާއާ ވާދަކުރެއްވީ އެންމެ މީހެކެވެ. ދެވަނަ ފަހަރު އޭނާއާ އެއްވެސް މީހަކު ވާދަ ނުކުރެއެވެ. އެހެންކަމުން އެފަހަރު އޭނާވަނީ ވޯޓަކަށް ނުގޮސް ހޮވިވަޑައިގެންފައެވެ. މިއީ ތިންވަނަ ފަހަރެވެ. މިފަހަރު އެތައް ބަޔަކު ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވައެވެ.
އަދުހަމް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް މީހުން އުފައްދާ ޕާޓީއެއް ކަމަށެވެ. މިފަހަރު އެތެރޭގެ އިންތިޚާބުގައި އެތައް ބަޔަކު ވާދަކުރަން ނިންމި ނިންމެވުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުހަމްގެ ތިންވަނަ ދައުރާ ހަމައަށް އެމަޤާމުގައި ހުންނެވިހުންނެވުމުން ދަލީލުކޮށްދެނީ ރައްޔިތުންނާއި ޕާޓީއަށްއޮތް ލޯތްބެވެ. އޭނާގެ މައްޗަށް އޮތް އިތުބާރެވެ. އެ އިތުބާރުގެ ތެރެއިން މިފަހަރު އޭނާ އެނިކުންނެވީ ހިތާހިތުގެ ގުޅުމަށްޓަކައެވެ. އެގުޅުން ފުރިހަމަ ކޮށްދެއްވުމަށްޓަކައެވެ. އެގުޅުމުގައި އިތުރު ކުލަ ޖެއްސުމަށްޓަކައެވެ. އެއީ ތަރައްގީގެ ކުލައެވެ. އެއީ އަމަލީ ކުލައެވެ.
އަދުހަމަކީ އެމްޑީޕީގެ ފުރަތަމަ ވަލީކޮމެޓީ އުފެދި ރާއްޖޭން ބޭރުގައި ހަރަކާތްތެރިވަމުން ދިޔަ އިރުވެސް، އިންޓަރނެޓް މެދުވެރިކޮށް ވޯޓު ދެއްވި މެމްބަރެކެވެ. އެއީ ނުގުޑާ ފަދަ ޢަޒުމެއްގެ ބޭފުޅެކެވެ. އައްޑޫ ސިޓީ ފޭދުއަށް ނިސްބަތްވާ ފަޚުރުވެރި އެމްޑީޕީގެ ދަރިއެކެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވަނިކޮށް އެކިފަހަރުމަތީން ޖަލަށް ގެންގޮސްފައިވެއެވެ. އެކަމުގެ ތެރޭގައި އެތައް ވޭނަކާއި އަނިޔާއެއް ތަހައްމަލް ކުރައްވަން ޖެހިވަޑައިގަތެވެ. އެހެންނަމަވެސް އޭނާގެ ނުގުޑާ ޢަޒުމާއި ހިތްވަރާއެކު އަދިވެސް އެ ހުންނެވީ ޕާޓީގެ ދިފާޢުގައެވެ. ކޮނޑާއިކޮނޑު ޖައްސަވައިގެންނެވެ. ޕާޓީއާއި ރައްޔިތުންގެ ހައްގުގައެވެ.
އޭނާ ވަނީ (މަޝްހޫރު ގޮތަށް ބުނާ ކަމަށްވާނަމަ 12،13 ގެ ހާދިސާގައި) 75 ދުވަސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކޮށްފައެވެ. ތަފާތު 7 ފަހަރެއްގެ މަތީން އޭނާވަނީ 153 ދުވަސް ޖަލުގައި ހޭދަކޮށްފައެވެ. މިހުރިހާ ފަހަރުތަކުގައި ވެސް އަދުހަމް ޖަލަށް ދާންޖެހިވަޑައިގެންނެވީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވައިގެންނެވެ. ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިންނެވެ. އެހެން ކަމުން އޭނާއަށް މިފަހަރު ވެސް އައްޑޫ ދާއިރާގެ ރައީސްކަން ހައްގު ނުވޭތޯއެވެ؟
އަދުހަމަކީ މިހާރުވެސް އެމްޑީޕީގެ އެކި ކޮމެޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރެކެވެ. އެގޮތުން ހައްގުކޮމެޓީ، އިންސާފުކޮމެޓީ، ގައުމީ މަޖިލިސް ފާހަގަކޮށްލަންޖެހެއެވެ. މިހާރު އޭނާއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޑެޕިޔުޓީ ޑިރެކްޓަރެވެ.
އަދުހަމު ތަޢުލީމް ޙާސިލް ކުރެއްވީ އެމްއީއެސްއާއި، ސީއެޗްއެސްސީ އިންނެވެ. އެފަހުން އާކިޓެކްޗަރގެ ދާއިރާއިން ތަޢުލީމް ހާސިލް ކުރެއްވިއެވެ. މިހާރުވެސް ގެންދަވަނީ އެކިދާއިރާތަކުން އުނގެނި ވަޑައިގަންނަވަމުންނެވެ.
އަދުހަމަކީ، 2008 ވަނަ އަހަރު ޕްރޮވިންސް އޮފީހުގެ ނާއިބުކަމާއި، ގައުމީ އިދާރާގެ ވެރިކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނާއިބުކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ހިންގުންތެރިއެކެވެ. ދުރަށް ވިސްނަވާ ވިސްނުންތެރިއެކެވެ. ސިޔާސީ ދާއިރާގެ ހަތަރުފަރާތް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ކަންކަމަށް ފިސާރި ލޯހުޅުވިފައި ހުންނެވި ބޭފުޅެކެވެ.
އަދުހަމަކީ އެންމެނާ ވެސް ގާތް ގުޅުން ބާއްވާ ބޭފުޅެކެވެ. އެހާމެ ސާދާ މިޒާޖެކެވެ. މިފަދަ ބޭފުޅަކު އައްޑޫ ދާއިރާގެ ރައީސަކަށް އަނެއްކާ ވެސް ގެންނަން އައްޑޫ ދަރީން ފަސް ނުޖެހޭނެއެވެ.
އަދުހަމަކީ ކޮންމެ ފަދަ ހާލަތެއްގައި ވެސް މަސައްކަތް ކުރެވޭވަރުގެ ބޭފުޅެކެވެ. ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް އެންމެ ރަނގަޅު ގޮތް ފާހަގަކޮށް އެކަން ނެރެ ދެއްކެވުމުގެ ގާބިލްކަން ހުރި ބޭފުޅެކެވެ. ލީޑަރެކެވެ. ރާއްޖޭގެ ސިޔާސީ ކަނޑުފަޅުތަކަށް ފަރިތާ ބޭފުޅެކެވެ. ސިޔާސީ ގިރިތަކާއި ހާހަލުތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ސިޔާސީ ކެޔޮޅެކެވެ. ރައްޔިތުންގެ ރަހުމަތްތެރިއެކެވެ. އެމްޑީޕީ މެންބަރުންގެ އެކުވެރިއެކެވެ. ޚާއްސަކޮށް އައްޑޫސިޓީ ރައްޔިތުންގެ މިތުރުކެވެ. މި މިތުރުވެރިކަން އިތުރު ކުރުމަށް ހިތުގެ ލޯތްބާއެކު އިތުރު ފުރުސަތު މިތުރު އަދުހަމަށް ދެއްވާށެވެ. ދާއިރާގެ ކުރިމަގު އިތުރަށް އުޖާލާ ކުރުމަށްޓަކައެވެ. ތިޔަ ބޭފުޅުންގެ އައްޑޫ ސިޓީގެ ތަރައްގީގެ ހުރިހާ ސޯބުތަކެއް އެނބުރެން ފަށާނެއެވެ.