ޗައިނާއިން ކައިރި މުސްތަގްބަލެއްގައި ޓައިވާން ހިފާނެ ކަމަށް އެމެރިކާގެ އިންޑޯ ފެސިފިކް ކޮމާންޑަރު ހާމަ ކުރެއްވުމުން އިންޑޯ ޕެސިފިކް ސަރަހައްދަށް ނުތަނަވަސްކަން ވެރިވެއްޖެ ކަމަށް ޖަޕާންގެ ނިއްކީ އޭޝިއާ ނޫހުން ބުނެފިއެވެ. މިއަހަރުގެ ކުރީކޮޅު ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެއިރު އިންޑޯ ޕެސިފިކް ކޮމާންޑަރަކަށް ހުންނެވި، ފިލިޕް ޑޭޥިޑްސަން ވިދާޅުވީ، ހައަހަރު ފަހުން ޗައިނާއިން ޓައިވާން ހިފަން ދިމާ ކުރާނެ ކަމަށެވެ.

ޑޭވިޑްސަން މިހާރު ވަނީ މަގާޟުން ރިޓަޔަރ ކުރައްވާފައެވެ.

ކޮންގްރެސްގައި އެއިރު އޭނާއަށް ސުއާލު ދެންނެވުނީ، ޓައިވާން ކަނޑު އޮޅީގެ ހަމަނުޖެހުމާ ބެހޭ ގޮތުންނެވެ.

އޭނާ ވިދާޅުވީ، އޭނާގެ ލަފައަކީ ހިނގަމުން މިދާ ދިހަ އަހަރުގެ ތެރޭގައި ޗައިނާއިން ޓައިވާން ހިފާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ކުރިއަށް މިއޮތް ހަ އަހަރުގެ ތެރޭގައި އެކަން ވެދާނެ ކަމަށެވެ.

ނިއްކީ އޭޝިއާއިން އޭނާއަށް ސުއާލު ދެންނެވުމުން އޭނާ ލަފާ ކުރެއްވި ތާވަލްއާ ބެހޭ ގޮތުން ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ފަސް އަހަރުން އެއްފަހަރު ބާއްވާ ގައުމީ ކޮންގްރެސް 2022 ގައި އޮތުމަށްފަހު ދެން އޮންނަ ކޮންގްރެސް 2027ގައި ބާއްވާ އިރުވެސް ރައީސް ޝީ ޖިންޕިންގ ހުންނަވާނެ ކަމަށެވެ.

އެ މުއްދަތުގައި ޝީ، ޗައިނާގެ ސިޔާސަތަށް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ޓައިވާން ހިފާން އުޅޭނެ ކަމަށެވެ.

އެހާތަނުގައި ޗައިނާގެ މިސައިލްއާއި ސައިބާ ހަނގުރާމައިގެ ކުޅަދާނަކަމާއި ސިފައިންގެ ހަނގުރާމައިގެ އުކުޅުތައް ހުންނާނީ މިހާރަށް ވުރެން ތަރައްގީވެފައި ކަމަށެވެ.

ޑޭވިޑްސަން ވިދާޅުވީ، އެމެރިކާގެ ކުރީގެ ތިން ސަރުކާރުންވެސް އިންޑޯ ޕެސިފިކް ސަރަހައްދަށް އިސްކަން ދީފައިވާ ކަމަށެވެ. އަދި އެމެރިކާއަށް އެންމެ މުހިންމު ހަނގުރާމައިގެ މައިދާނަކީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުކަމުން އެމެރިކާއިން ސުލްޙައިގެ ދުވަސްވަރު ދިމާވެދާނެ ކަމަކާ ކުރިމަތި ލުމަށް ޖަޕާނުން ބޭރު ސަރަހަދަށް ސިފައިން ފޮނުވާފައި ބައިތިއްބަން ޖެހެއެވެ.