ވިޔަފާރިއަށް ގައުމުތައް ފައްކާވެފައިވާ މިންވަރު ބަޔާން ކުރާ ވަރލްޑް ބޭންކުން ކޮންމެ އަހަރަކު ގައުމުތައް ދަރަޖަކޮށް ޝާއިއުކުރާ ރިޕޯޓް މިހާރުން ފެށިކގެން ނެރުން ހުއްޓާލާފައިވާކަމަށް ވަރލްޑް ބޭންކުން މިއަދު ބުނެފިއެވެ.

ވަރލްޑް ބޭންކުން ބުނެފައި ވަނީ "ޑުއިން ބިޒްނަސް އިންޑެކްސް" ދެން ޝާއިއުކުރަން ފަށާނީ މި އިންޑެކްސްއަށް މަޢުލޫމާތު އެއްކުރާ ގޮތާއި ގައުމތައް ގިންތިކުރާ ގޮތް އަލުން މުރާޖައާ ކުރުމަށްފަހުއެވެ.

ގައުމުތައް ވިޔަފާރިއަށް ފަހިވެފައިވާ މިންވަރު ކަނޑައަޅާ ޑުއިން ބިޒްނަސް އިންޑެކްސް ހުއްޓާލުމަށް ވަރލްޑް ބޭނުން ނިންމާފައި ވަނީ، ޗައިނާއާއި އެހެން ތިން ގައުމަކުން، ގައުމުތައް ދަރަޖަ ކުރުމަށް ދޭ މަޢުލޫމާތު އޮޅުވާލުމާއި، ވަރލްޑް ބޭންކުގެ މުވައްޒަފުން މެދުވެރިކޮށް އެގައުމުތަކަށް ފަހިވާ ގޮތަށް ޑޭޓާ އޮޅުވާލައިގެން ދަރަޖަ ކުރުމުގައި ނާޖާއިޒް ފައިދާ ނަގާފައިވާ ކަން ބޭޒާރު ވުމާ ގުޅިގެންނެވެ.

ވަރލްޑް ބޭންކުގެ މުވައްޒަފުންގެ ނާޖާއިޒު ފައިދާ ނަގައިގެން މަޢުލޫމާތު އޮޅުވާލައިގެން އަމިއްލައަށް ފަހިވާ ގޮތަށް ގިންތި ކުރުވުމުގައި އުޅެފައި ވަނީ ޗައިނާއާއި ސައޫދީ އަރަބިއްޔާއާއި ޔޫއޭއީއާއި ކަޒަޚިސްތާނެވެ.

ސީއެންއެން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަރލްޑް ބޭންކުގެ ކުރީގެ ސީއީއޯ ކްރިސްޓީނާ ޖޯރޖީވާ ވަނީ މުވައްޒަފުންނަށް ފިއްތައިގެން ޗައިނާއަށް އިތުރު ޕޮއިންޓްތައް ފަހިވާ ގޮތަށް ރިޕޯޓްގެ މެތޮޑޮލޮޖީއަށް ބަދަލުގެނަސް އޮޅުވާލުމުގައި ބައިވެރިވެފައެވެ.