އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވި މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލައިދިނުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ، ފޮޓޯއާއި ވީޑިއޯއާއެކު ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި ހަމަ އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އަދި ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، އެ ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

އެހެންކަމުން، ރޭގައި ކުރިއަށް ދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން ކޮށްވެރިކޮށް އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާތަކުން، ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ހަނދާންކޮށްދީފައިވެއެވެ.

އަދި، މުޒާހަރާ ކަވަރުކުރާ ހުރިހާ ވަގުތެއްގައިވެސް މީޑިއާގެ ފާހާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސް ބޭނުންކުރުމުގެ އިތުރަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ސަމާލުވުމަށްވެސް މި ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.