ވިލާއެއާއިން އޮޕަރޭޓްކުރާ ފުލައިމީއިން އިންޑިއާގެ ބެންގާލޫރަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފިއެވެ.

ފުލައިމީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ނާޝިދު ވިދާޅުވީ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 29 ވަނަ ދުވަހު ކަމަށެވެ. "އަޅުގަނޑުމެން ކުރިން މަސައްކަތްކުރީ މިމަހު ފަންސަވީހުގައި ދަތުރުތައް ފަށަން. އެހެންނަމަވެސް ބައެއް ސަބަބުތަކާހެދި މިހާރުވަނީ މިމަހު ނަވާވީހަށް ބަދަލު ކޮށްފައި،" ނާޝިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދަތުރުތައް ހަފްތާއަކު ދެ ދުވަހު އޮންނާނެ ކަމަށެވެ. އެއީ އާދީއްތަ އާއި ބުދައެވެ. މާމިގިލީ އިންޓަރނޭޝަނަލް އެއާޕޯޓުން ބޯޓު ފުރާނީ އެ ދެދުވަހު ހެނދުނު ދިހަގަޑި ތިރީހުގައެވެ. އެ ބޯޓު އެނބުރި މާމިގިއްޔަށް އަންނާނީ ހަވީރު 4:30 ގައެވެ.

ނާޝިދު ވިދާޅުވީ މިދަތުރުތައް ފަށާނީ ވިލާއެއާއިން ބޭނުންކުރާ އޭޓީއާރު މަރުކާގެ ބޯޓުފަހަރުގައި ކަމަށެވެ.

މާމިގިލީ އިންޓަރނޭޝަނަލް އެއާޕޯޓާއި ބެންގަލޫރާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމުން އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށުގައި ހިންގާ ގެސްޓު ހައުސްތަކާއި ރިސޯޓުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. "ބެންގަލޫރުން މާލެއައިސްފައި މާލެއިން އަރިއަތޮޅަށް ދިއުމުގެ ބަދަލުގައި ސީދާ މާމިގިލީ އިންޓަރ ނޭޝަނަލް އެއާޕޯޓުން އަތޮޅުގެ އެހެން ރަށްރަށަށް ދިއުމުގެ ފުރުސަތު ފަހިވުމަކީ ޚަރަދު ވެސް ކުޑަވެ ފަސޭހަވާނެ ކަމެއް ކަމަށް އުންމީދުކުރަން،" ނާޝިދު ވިދާޅުވިއެވެ.