އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އަބްދުﷲ ޝާހިދަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު އަރުވައިފި އެވެ.
ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދަށް، ރައީސް ސޯލިހު މި ދައުވަތު އަރުވާފައިވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޝާހިދު އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
އެގޮތުން ޝާހިދު ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒުހިފާފައިވާކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި އެ މަޤާމަށް ކުރިމަތިލުމާ ހަމައިން ފެށިގެންވެސް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝާހިދު ވަނީ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ދިވެހި ދަރިޔަކަށްވެ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފުރުޞަތު ލިބުމަކީ ލިބުނު ޝަރަފެއްކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ޤައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ޤާއިމު ކުރުމަށްކަމުގައި ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ޝާހިދު ވިދާޅުވިގޮތުގައި އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމު ކާމިޔާބުކުރެއްވުމުން ރަމްޒުކޮށްދެނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަނެފައިވާކަމެވެ.
ރައީސް ވަނީ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި، ޝާހިދު ވަނީ މި ކާމިޔާބީގެ ފަހަތުގައި ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޤާބިލްކަމާއި ފަންނުވެރިކަން މުހިންމު ދައުރެއް އަދާކުރާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.