ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމަށް އަދުހަމް އިއުތިރާފް ވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގައި އަދުހަމް އެކަމަށް އެއްބަސްވީ ދައުލަތާއެކު އޭނާ ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ނެވެ.

މެއި ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތް ވަކި ހިސާބަކުން ވަނީ ސިއްރުކޮށްފަ އެވެ. އެއީ އަދުހަމާއި ދައުލަތުގެ ވެސް އެދުމުގެ މަތިން ނެވެ. އަދި ޝަރީއަތް ސިއްރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ބައެއް މައުލޫމާތު ހާމަވާނެތީ އެވެ.

ދައުލަތާއެކު އޭނާ ވެފައިވާ އެއްބަސްވުމުގެ ދަށުން ކުށަށް އިޢުތިރާފުވެ، ތަހުގީގަށް އެއްބާރުލުން ދޭ ނަމަ، އޭނާގެ މައްޗަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ނިމި މި މަހުގެ ފުރަތަމަ 15 ދުވަސް ނިމުމުގެ ކުރިން ހުކުމް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ހަމަލާދީފައިވަނީ ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލައިގެން ނެވެ. މި ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ރާއްޖޭގެ އޭޑީކޭ ހޮސްޕިޓަލުންނާއި އިނގިރޭސި ވިލާތުންނާއި ޖަރުމަނުން ވެސް ފަރުވާ ހޯއްދަވާފަ އެވެ.