އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ އިއްޔެ ދިވެހި ބަހުން ތަގުރީރުކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަލަސްތީނުގެ ވާހަކަ ދެއްކެވީ ހިތާ ދެކޮޅަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މުންދު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރަކީ ވަރަށް ލަދުވެތި ކަންތައްތަކެއް އެމަނިކުފާނުގެ އިސްތަށުފުޅުގައި އެޅިގެންދިޔަ ގަޑިތަކެއްކަމުގައެވެ.

"ވޭތުވެދިޔަ 24 ގަޑިއިރަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ސިޔާސީ ބަދަލު ހިފުމުގެ ތުހުމަތު އެޅިގެންދިޔަ ވަގުތު ކޮޅެއް. ޢާއިލީ ވެރިކަމެއް ކުރައްވާ ކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް. އެމަނިކުފާނަކީ ބަދަލު ހިއްޕަވާ ބޭފުޅެއްކަން ސާބިތު ވެގެންދިޔަ ވަގުތެއް. ޝަރީއަތަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް. މީޑިއާއަށް ރިޝްވަތު ދެއްވާ ކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް." ރައީސް ސާލިހު އެމްއެމްޕީއާރްސީގެ ފައިސާ ނެންގެވި ކަމަށް އަލީ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅުވައިގެން މުންދު ވިދާޅުވިއެވެ.

އ.ދގެ އާއްމު މަޖިލީހުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާ މުންދު ވިދާޅުވީ އ.ދ މަޖިލީހުގައި ވާހަކަ ދެއްކުމަކީ އޭގެ ޒާތުގައި ހަމަ ހަގީގަތުގައިވެސް އުފާވެރި ކަމެއް ޝަރަފެއް ކަމަށާއި އ.ދގެ މަޖިލީހަކީ ކޮންމެ މެމްބަރު ގައުކަކަށްވެސް އެރައްޔިތެއްގެ ހަގީގީ އިހްސާސާއި ހާލަތު އަދި އެރައްޔިތެއްގެ އުއްމީދާއި ތަސައްވުރު މުޅި ދުނިޔެއަށް އެރައްޔިތެއްގެ މަންދޫބެއް މެދުވެރިކޮށް ހާމަކުރަން ކޮންމެ އަހަރަކު ލިބޭ ފުރުސަތެއްކަމުގައެވެ.

"ނަމަވެސް އަޑުއިވިގެން މިދިޔައީ ދިވެހިރާއްޖޭގެ މަންދޫބު ދިވެހި ބަހުން ކަމުގައި ވިޔަސް ވަރަށް ބީރައްޓެހި ވާހަކަތަކެއް ދެއްކެވި އަޑު. ރިޝަވްތުގައި ތިބި މީޑިއާތަކުން ބުނަނީ މިއީ ވަރަށް ފަޚުރުވެރި ދުވަހެކޭ. ވަގުތެކޭ. އަޅުގަނޑު ދަންނަވާނީ މިރޭ މިއީ ރައްޔިތުންނަށް ވަރަށް ހިތާމަވެރި ލަދުވެތި ވަގުތެކޭ." ރައީސް ސާލިހުގެ އެމެރިކާ ދަތުރުފުޅު ކަވަރު ކުރުމަށް ބައެއް މީޑިއާތަކަށް ސަރުކާރުން ސްޕޮންސަރ ދެއްވައިގެން ރައީސް އޮފީހުން ލިޔުއްވާފައިވާ ބައެއް ޚާބަރުތަކާ ގުޅޭގޮތުން މުންދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިތާ ދެކޮޅަށް ނަމަވެސް ފަލަސްތީނުގެ ވާހަކަ ވިދާޅުވި ކަމަށާއި ފަލަސްތީނުގެ މައްސަލައަކީ ރާއްޖޭގެ މިނިވަންކަމަށް އަރައިގެން މިއުޅޭ ގިލަންވެރިކަމާއި ވަރަށް އެއްގޮތް މައްސަލައެއްކަމަށް މުންދު ވިދާޅުވިއެވެ. އެގޮތުން މުންދު ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިސާރުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭގޮތް ވަރަށް ތަފްސީލްކޮށް ކިޔާ ދެއްވާފައެވެ.

"ފަލަސްތީނާ އިސްރާއީލުގެ މައްސަލަ ފެށިގެން އަންނަނީ އިނގިރޭސި ވިލާތުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން. ޚާރިޖީ ގުޅުންތަކުގެ ތެރޭގައި ދެފަށަލައެއް އޮންނަ ކަމަށާއި އޭގެ ތެރެއިން ބޭރަށް ފެންނަ ފަށަލައަކީ އެއްބަސްވުންތަކާއި އެހީތަކާއި ވިސާތަކާއި ސަފާރާތައް ގާއިމް ކުރުމާއި މިކަހަލަ ކަންތައްތައް. ޚާރިޖީ ގުޅުންތަކުގެ ތެރޭގައި ނުފެންނަ ފަށާލައިގެ ތެރޭގައި ރިޝްވަތާއި ޑަބަލް ޑީލިންގ އާއި ސަބްވަރޝަން ނުވަތަ ތަނެއްގެ ތެރޭގައި މަސްލަހަތު އުފައްދާ ގުޖަޑު އުފެއްދުން" މުންދު ވިދާޅުވިއެވެ.

"ސިޔާދަތީ ބާރު ގެއްލުން އަޅުގަނޑު އެއްގޮތް ކުރަނީ ރަށެއްގެ ގޮނޑު ދޮށަށް ރާޅު ޖަހަމުން ޖަހަމުން ގޮސް އެރަށް ގިރައިގެން ދިއުމާ. މެދު ނުކެނޑި ޖަހާ ރާޅަކާ އެކު ފަސްގަނޑު ގިރަމުން ވަރަށް ބޮޑު ބައި ގެއްލިފައި. ސިޔާދަތީ ބާރު ގެއްލިގެންދާކަމަށް ކުޑަކޮށްވެސް ހިލަމެއް ވާނަމަ ހިނގަމާ ބަހީ އަވަހަށް ވެލި ބަސްތާ ޖަހަން. ތޮށިލާން. ކުރެވުނު ކަމެއް ކުރަން." ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާ ގޮތް ސިފަކޮށްދެއްވަމުން މުންދު ވިދާޅުވިއެވެ.

މިވޭތުވެދިޔަ އެއްހާހަކަށް ދުވަހުގެ ތެރޭގައި ގާބިލު ވެރިއަކާ ނާގާބިލު ވެރިއަކާ ހުރި ތަފާތު ވަރަށް ސާފުކޮށް ފެނިއްޖެ ކަމަށްވެސް މުންދު ވިދާޅުވިއެވެ. އެގޮތުން އިންޑިޔާއިން އެހީއާއި ލޯނުގެ ގޮތުގައި ނަގަމުން ނަގަމުންގޮސް ގައުމު މިއޮތީ ނަގާ ކޮޅަށް ނުޖެހޭ ހިސާބުގައި ކަމަށް މުންދު ވިދާޅުވިއެވެ. ރައީސް ޔާމީން އަލުން ވެރިކަމަށް ގެންނަންޖެހެނީ އަލުގަނޑުމެންގެ ސިޔާސަތުތައް އަލުން ހަމައަކަށް އަލުވައިގެން ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކުރުމަށް ކަމަށްވެސް މުންދު ވިދާޅުވިއެވެ.