އިނގިރޭސި ކެރަބާއޯ ކަޕުގެ ތިންވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.
އިނގިރޭސި ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ މެން.ޔުނައިޓެޑް އަތުން 2-1 އިން ބަލިވެފައިވާ ވެސްޓްހޭމުން ރޭ ބަދަލުހިފީ އާޖެންޓީނާގެ އެޓޭކިންގ މިޑްފީލްޑަރު މެނުއަލް ލަންޒިނީ މެޗުގެ ނުވަވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެން.ޔުނައިޓެޑުން މިމެޗަށް ނިކުތީ ލީގުގައި އެންމެފަހުން ވެސްޓްހޭމް އަތުން މޮޅުވި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނި އެއްވެސް ކުޅުންތެރިޔަކު ނުލައެވެ. ވެސްޓްހޭމުންވެސް މިމެޗަށް ނިކުތީ ބަދަލުތަކަކާއެކުގައެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެން.ޔުނައިޓެޑުން ކުޅެ 27 ހަމަލާ އުފެއްދިފައެވެ. އެކަމަކުގެ މީގެ ތެރެއިން ވެސްޓްހޭމްގެ ގޯލާ އަމާޒުވީ އެންމެ 6 ހަމަލާއެވެ. ވެސްޓްހޭމްއިން ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ 3 ހަމަލާއެވެ.
ކެރަބާއޯ ކަޕުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ ޕެނަލްޓީ ޖަހައިގެން އެސްޓަންވިލާ 3-4 އިން ބަލިކޮށް ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. ޕެނަލްޓީގައި ވޮލްވުސް ބަލިކޮށް ޓޮޓެންހަމްއިންވެސް ހަތަރުވަނަ ބުރުން ޖާގަ ހޯދިއިރު އާސެނަލް އާއި ލެސްޓަރ ސިޓީވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ.
ކެރަބާއޯ ކަޕުގެ ހަތަރުވަނަ ބުރުގައި، އެންމެފަހު ހަތަރު އަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ނިކުންނާނީ ވެސްޓްހޭމްއާ ދެކޮޅަށެވެ. ވަރުގަދަ ޗެލްސީ ބައްދަލު ކުރަންޖެހެނީ ސައުތެމްޓަންއާއެވެ. ލިވަޕޫލް އާއި ދެކޮޅަށް ނިކުންނާނީ ޕްރެސްޓެން ނޯތު އެންޑެވެ. އާސެނަލް އާއި ލީޑްސް ބައްދަލު ކުރަން ޖެހޭއިރު އެވަޓަންއާ ދެކޮޅަށް ނިކުންނާނީ ކިއުޕީއާރެވެ.
ހަތަރުވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 26 އަދި 27 ވަނަ ދުވަހުއެވެ.