ސްޕެނިޝް ލަލީގާގައި ރޭ ސެންތިއާގޯ ބެރްނަބާއޫ ސްޓޭޑިއަމްގައި މަޔޯކާ އަތުން 6-1 ގެ ބޮޑު ތަފާތަކުން މޮޅުވެ ތާވަލުގެ ކުރީގައި ރެއާލް މެޑްރިޑުން ދެޕޮއިންޓުގެ ލީޑް ދަމަހައްޓައިފިއެވެ.
އިޓަލީގެ ތަޖުރިބާކާރު ކޯޗް ކާލޯ އެންޗަލޮއްޓީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރެއާލް މެޑްރިޑުން ތަފާތު ބޮޑު ނަތީޖާއެއް ނެރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާއެވެ. ބެންޒެމާ ދެލަނޑު ކާމިޔާބުރިއިރު އިތުރު ދެލަނޑު ޖެހުމަށް މަގު ފަހިކޮށްދިނެވެ. ރެއާލްގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ މާކޯ އެސެންސިއޯއެވެ. މިއީ ސީނިއަރ ކެރިޔަރުގައި އެސެންސިއޯގެ ފުރަތަމަ ހެޓްރިކެވެ. ޔޫތު ލެވެލްގައި އެސެންސިއޯ ވިދާލީ މަޔޯކާއިންނެވެ. އެހެންވެ ކުރީގެ ކްލަބަށް އިހްތިރާމް ކުރުމުގެ ގޮތުން ރޭ އެއްވެސް ލަނޑެއް ޖެހުމަށްފަހު އޭނާ އުފާފާޅެއް ނުކުރެއެވެ. ރެއާލްގެ ހަވަނަ ލަނޑު މެޗް ނިމެން ހަމިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ކުޅުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ނުލިބުނު މިޑްފީލްޑަރު އިސްކޯއެވެ. މަޔޯކާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ލީ ކޭންގ އިންއެވެ.
މިނަތީޖާއާއެކު ތާވަލުގެ ކުރީގައި ރެއާލް އޮތީ މިހާތަނަށް ކުޅުނު 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި 14 ޕޮއިންޓާއެކު އޮތީ އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ. ތިންވަނައިގައި 11 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ.
ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ މިވަގުތު މައްސަލަތަކެއްގެ ތެރޭގައި އޮތް މަޝްހޫރު ބާސެލޯނާ އާއި ކާޑިޒް ބައްދަލު ކުރާ މެޗެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސާގެ ކޯޗް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ނެރެފައިވަނީ ޓީމުގެ ހާލަތާ ގުޅޭ ބަޔާނެކެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާއިރުއެވެ.