ވަރލްޑް ވައި.އެމް.ސީ.އޭ، ބީ.އާރު.އޭ.ސީ، އަދި ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓާއި އެހެނިހެން އެކްޓިވިސްޓް ޖަމާޢަތްތައް ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި 'އަންލޮކް ދަ ފިއުޗަރ' ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މިއީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި ކުރިއަށް ދިޔަ ހަރަކާތެކެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށެވެ.

މި ހަރަކާތުގައި، ޒުވާން ލީޑަރުންނާއި، އެކްޓިވިސްޓުންނާއި، ސަރުކާރުތަކާއި، ނިއުޔޯކުގައި ޤާއިމުކޮށްފައިވާ އ.ދ. ގެ މިޝަންތަކާއި، ޒުވާނުންނާއި މުސްތަޤްބަލުގެ ޖީލުތަކަށް އިސްކަންދޭ ޖަމުޢިއްޔާ ޖަމާޢަތްތައް ބައިވެރިވިއެވެ.

މި ހަރަކާތުގެ ތެރެއިން "އަންލޮކް ދަ ފިއުޗަރ ޑެކްލެރޭޝަން" ވަނީ އިފްތިތާޙް ކޮށްފައެވެ. މީގެ ސަބަބުން، މިހާރުގެ ޒުވާނުން ތަޖުރިބާކުރާ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްދީގެން މުސްތަޤުބަލަށް ގެނެވޭނެ ބަދަލުތައް ދެނެގަނެވި، ޒުވާނުންނަށް އެމީހުންގެ މުސްތަޤްބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ޒުވާނުންގެ ބައިވެރިވުން އިތުރުކުރެވި، ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލްއަޤްވާމީ އެއްބާރުލުންވެސް ލިބިގެންދާނެއެވެ.

މި ހަރަކާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ދެއްކެވި ވާހަކަފުޅުގައި، ޒުވާނުން ބާރުވެރިކުރުމާއި އެމީހުން ކަންކަމުގައި އަޑު އުފުލުމަށް ހިތްވަރުދިނުމުގެ ގޮތުން އެކުލަވާލާފައިވާ މި ޑެކްލެރޭޝަންގެ މަސައްކަތުގައި އުޅުއްވި ބައިވެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެއީ ބޮޑު ކާމިޔާބީއެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި، މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ރާއްޖޭގެ ފަރާތްތަކާއި، އެހެނިހެން ފަރާތްތަކުންވެސް، ޒުވާން ޖީލަށްޓަކައި ކުރާ މަސައްކަތްތައް މައުނަވީ ގޮތެއްގައި ގުޅިގެން ކުރިއަށް ގެންދިއުމަށް ގޮވައިލައްވާފައިވެއެވެ.