ސެޕްޓެމްބަރ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ގދ. ގައްދޫ ދާއިރާގެ ރައީސް ކަމަށް ގދ. ވާދޫ، އަހުމަދު ސައީދު މުހައްމަދު (މައިފޫނާ އަޙުމަދު ސައީދު) ކުރިމަތިލައްވަން ނިންމަވައިފިއެވެ.
ގައްދޫ ދާއިރާގައި ހިމެނެނީ ގައްދުއާއި ވާދޫ އެވެ. ސައީދަކީ ވާދުއަށް ނިސްބަތްވެ ވަޑައިގަންނަވާ، ދާއިރާގެ މީހުންނާ ގުޅޭ ހިތްހެޔޮ، ހިތްތިރި ލީޑަރެކެވެ.
ސައީދު ގައްދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތި ލައްވަން ނިންމެވީ "އޯގާތެރި ހިތާކާއެކު އިޚުލާސްތެރި ވިސްނުމަކުން" ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށްޓަކައެވެ. ގާބިލް ކަމާއި ލިބިފައިވާ އިލްމާއި ތަޖުރިބާ ބޭނުންކޮށްގެން އޭނާގެ ލީޑަރޝިޕްގެ ދަށުން ދާއިރާއަށް ފާގަތި ދުވަސްތަކެއް ހޯއްދަވައި ދެއްވުމަކީ އޭނާގެ އަޒުމެވެ.
ސައީދަކީ އެދާއިރާއަށް ކުރިމަތިލައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ކުޅަދާނަ އެއް ލީޑަރެވެ. އެކަން އޭނާ އެގެންދަވަނީ ފެނަކަ ހިންގެވުމުގެ މަސައްކަތުގެތެރެއިން ދައްކަވަމުންނެވެ. އޭނާގެ މާލިމީ ކަމުގެ ދަށުން ފެނަކައަށް ވަނީ ރީތި އެތައް ނަމެއް ލިބިފައެވެ. އެކުންފުނިވަނީ އަރަނިވެރި ކުންފުންޏަކަށް ހައްދަވައިފައެވެ. އޭގެ އިތުރުން އެކުންފުންޏަކީ އައިއެސްއޯ ގަބޫލުކުރާ ފެންވަރުގެ ތަނަކަށް ވެސް ހެއްދެވީ ސައީދުގެ މޭސްތިރި ކަމުގެ ދަށުގައެވެ. އޭނާގެ މާލިމީކަމުގައި އެކުންފުންޏަށް ލިބިފައިވާ ބައެއް އެވޯޑުތައް ވެސް ހިމަނާލާނަމެވެ.
- ފެނަކައިން ހާސިލް ކޮށްފައިވާ ބައެއް އެވޯޑުތައް:
ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން)
މި އެވޯޑް ލިބިފައިވަނީ ފެނަކައިން ލ. ގަމުގައި ގާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫއަށެވެ. މި މަޝްރޫއަކީ ރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާއަށް ގެނެވޭ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުމަށް ވެގެން ދާނެ ކަމެއް ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ. މި މަޝްރޫއާއެކު ލ.ގަމުގެ ރައްޔިތުންގެ ފަނޑުވެފައިވި އުންމީދުތަކަށް ވަނީ ދިރުން ލިބިގެން ގޮސްފައި ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ. މި ގިންތިން އެވޯޑް ހާސިލްކުރި އެހެން ބޮޑެތި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ.
ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން)
މި އެވޯޑަކީ ގައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަކަށް ދޭ އެވޯޑެކެވެ.
ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން)
މި އެވޯޑް ލިބިފައިވަނީ ގދ. މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ގާއިމް ކުރުމަށް ރާވައި ފެށުމަށް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށެވެ. މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެފަދަ މަޝްރޫއުތަކުގެ ތެރެއިން، ތަފާތު އަދި އިންގިލާބީ މަޝްރޫއަކަށެވެ.
ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން)
މި އެވޯޑަކީ ބައިވެރިވި ހުރިހާ ޔުޓިލިޓީ ކުންފުނިތަކުގެ މެދުގައި ވާދަކޮށްގެން ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދަށް ލިބިވަޑައިގެންނެވި އެވޯޑެކެވެ. މީގެ އިތުރުން ވަރަށްފަހުން އެކުންފުނިވަނީ ބައިނަލްއަގުވާތީ ފެންވަރުގެ އިތުރު ދެ އެވޯޑެއް ވެސް ހާސިލް ކުރައްވައިފައެވެ.
މި އެވޯޑުތަކަކީ ޒަމާންވީ ކިލަނބު ނަމާއެކު ޒިންމާދާރު ކަމެއްނެތި، ޚިދުމަތް ދެމުން އައި ފެނަކަ ހިންގުމަށް 2019 ވަނަ އަހަރު ގެނެވުނު މުހިއްމު ބަދަލާއެކު، ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ނުގުޑާ އަޒުމުގައި ފެނަކަ ޓީމުން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވަނީ "ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް" ގެ ނަމުގައި ތައުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޯޕަރޭޝަނުގެ ދަށުން ރަޖިސްޓްރީކޮށްފައެވެ. އެތަނުގެ އަމަލީ މަސައްކަތް ފެށި މީހުން ތަމްރީން ކުރުމުގެ ހަރަކާތްތައް މިހާރުދަނީ ބާރަށް ކުރިއަށެވެ.
މި އިންސްޓިޓިއުޓްގެ މަގުސަދަކީ ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވޮކޭޝަނަލް ޓްރޭނިންގ ދިނުމާއި، ދެވޭ ޚިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.
މި އިންސްޓިޓިއުޓުން ރިނިއުބަލް އެނާރޖީ ނުވަތަ އިޔާދަރަކުރަނިވި ހަކަތާއާއި، ފެނާއި ނަރުދަމާއާއި ގުޅުންހުރި ތަފާތު ދިރާސާތައް ކުރެވިގެން ދާނެއެވެ. މި އިންސްޓިޓިއުޓުން ދަސްވެނިވާ މުވައްޒަފުންގެ ބައިނަލް އަގުވާމީ ފެންވަރު ހުރުމާއެކު އެފެންވަރުގެ ސެޓްފިކެޓެއް ދެވޭނެއެވެ.
ކުންފުނީގެ އަމާޒަކީ އާއިލާ އާއެކު އެއްފަސްގަނޑެއްގައި ތިބެ މުވައްޒަފުންނަށް އުނގެނުމަށް ފަހިކޮށްދީ ޒަމާނީ ތަމްރީނާ އި ތައުލީމުދީ ޒިންމާދާރު ނަޒާހަތްތެރި މުވައްޒިފުންތަކެއް ބިނާކުރުން ކަމަށް ސައީދު ވިދާޅުވިއެވެ. މި އިންސްޓިޓިއުޓުގެ ސަބަބުން 3300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ ފެނަކައިގެ ހިންގުން ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ގާބިލު މުވައްޒަފުން އުފެދިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ކުރު މުއްދަތެއްގައި ސައީދު ފެނަކައަށް ކޮށްދެއްވާފައިވާ ޚިދުމަތާއި ހޯއްދަވައި ދެއްވައިފައިވާ ރީތީނަމުގެ ކުޑަ މިންވަރެކެވެ. މިފަދަ ބޭފުޅަކު ގައްދޫ ދާއިރާގެ ރައީސަކަށް އިންތިޚާބު ކުރުމުން އެދާއިރާގެ އިތުރުން މުޅި އަތޮޅަށް ވެސް މަންފާ ކުރާނެއެވެ. ސައީދުގެ ޚިތުމަތުން އުޖާލާ މުސްތަގުބަލަކަށް ދާއިރާގެ ރައީސް ކަމަށް އޭނާ އިންތިޚާބު ކޮށްލަންވީ ވަގުތު މިއޮތީ ޖެހިފައެވެ.