އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މާދަމާ ބާއްވަނީއެވެ. ފޯރިގަދަ ކެންޕޭން މިހާރު މިވަނީ ނިމުމަކަށް އައިސްފައެވެ.

އައްޑޫ ސިޓީގެ ދާއިރާތަކަށް ކުރިމަތިލައްވައިފައިވާ ބޭފުޅުންގެ ތެރޭގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ އިބްރާހީމް އަސްޢަދަކީ އެމްޑީޕީއަށް ވަފާތެރި ދަރިއެކެވެ. ތަނަވަސް ޚިޔާލުގެ ބޭފުޅެކެވެ. ތަރައްގީގެ ފިކުރާއެކު ދުރުވިސްނުންތެރިއެކެވެ. އޭނާ ބޭނުންވަނީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމުގެ ބަދަލުގައި ހަގީގަތަކަށް ހެދުމަށެވެ. ރައްޔިތުންނާ ގުޅިގެންނެވެ. އައްޑޫ ސިޓީގެ ރައީސްގެ ލަފައާއި އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށެވެ.

އަސްޢަދަކީ ޒުވާން ލީޑަރެކެވެ. ސިޔާސީ ދާއިރާއިން ވިދަމުން އަންނަ އުންމީދީ ތަރިއެކެވެ. ދެހާސް ބާރަވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ހުރިހާ ކެންޕޭންތަކެއްގައި އިސްކޮށް އުޅުއްވި މިހާރުވެސް އުޅުއްވާ ހީވާގި ލީޑަރެކެވެ. ރައްޔިތުންގެ ޚިޔާލާއި ފިކުރާ އެކު މަޝްވަރާގެ މަތީން ކަންކަން ކުރެއްވުމަކީ އޭނާގެ ފަލްސަފާއެވެ. ތެދުވެރިކަމާއި ހިކުމަތްތެރިކަން އިސްކުރުމަކީ އޭނާގެ ކާމިޔާބީއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މާދަމާ ބާއްވަނީއެވެ. މިހާ ދުވަސްވެގެންދިއިރު އަސްޢަދު ހުރީ ކޮންތާކު ހެއްޔެވެ؟ ކެންޕޭން ކުރީ ގޮންގޮތަކަށް ހެއްޔެވެ؟ އަސްޢަދާއި އާއިލާގެ ބައެއް މެންބަރުން ކޮވިޑަށް ޕޮޒިޓިވީއެވެ. އެހެން ކަމުން 40 ހަކަށް ދުވަހު ކަރަންޓީނުގައި ހުންނަވަން ޖެހުނީއެވެ. މާލެއިން ބޭރުނުވެވި މާލޭ ބަންދުގައި ހުންނަވަން ޖެހުނީއެވެ. ނަތީޖާއަކީ ދާއިރާގެ ރައްޔިތުންނާ ހަމައަށް ވާސިލްވުމަށް ހުރަސް އެޅުނީއެވެ. އެހެނަސް އޭނާގެ އުންމީދަކީ މިއަދުވެސް ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމެވެ.

ރާއްޖޭގެ ސިޔާސީ އުދަރެހުގައި ވިލާތައް ބޯވެ އަނދިރިވަމުންދާ މިދަނޑިވަޅުގައި އެވިލާތަކަށް "ބިރުން" ސިޔާސީ މައިދާނުން ފަހަތަށް ޖެހުމަކީ މި ޒުވާން ލީޑަރުގެ ވިސްނުމެއް ނޫނެވެ. އޭނާގެ ވިސްނުމަކީ ރާއްޖެ އަމާން ބަނދަރަކަށް ވާސިލް ކޮށްދެއްވުމެވެ. ދައުލަތް ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަން ވެސް އޭނާ ތާއީދެވެ. އަސްޢަދަކީ ބަރުލަމާނީ ނިޒާމަށް އިންތިހާއަށް ތާއިދު ކުރައްވާ އެފިކުރުގެ ބޭފުޅެކެވެ.

އެންމެ އެދެވޭ ގޮތުގައި ކެންޕޭން ނުކުރެއްވުނަސް އޭނާގެ އުންމީދުތައް ހުރީވަރަށް އުހުގައެވެ. ހެޔޮ ބަދަލަކަށް ރައްޔިތުންގެ ވޯޓާއި ފުރިހަމަ ތާއީދު އަސްޢަދަށް ދެއްވާށެވެ. ރައްޔިތު މީހާ ހުންނާނީ ރައްޔިތުންނާއެކުގައެވެ. އޭނާ ހުންނެވީ ހިތަދޫ ދެކުނު ދާއިރާގެ ރައީސްގެ ހައިސިއްޔަތު ލިބުމުގެ ފޮނި އުންމީދުގައެވެ. ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް އިންތިހާއަށް ބޭނުންވެފައެވެ. އެހެން ކަމުން އޭނާއަށް އެ ހައިސިއްޔަތު ދެއްވާށެވެ. އެއަށްފަހު ނަތީޖާ ދެކެން ތިއްބަވާށެވެ. މިއީ ނަތީޖާ ނެރުއްވާނެ ޒުވާން ލީޑަރެކެވެ. ސިޔާސީ ހަކަތައިން ފުރިފައިވާ ގާބިލް ކެންޑިޓެކެވެ. އަސްޢަދަށް ފުރުސަތު ދެއްވާށެވެ.