މިސީނަށް ސަތޭކަ މިލިޔަން ޕައުންޑް ހަރަދުކޮށް ގެނައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫއާއެކު ޗެލްސީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަ ވެފައިވާ ކަމަށް ވާދަވެރި މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިދިޔަ ސީޒަނުގައި ޗެލްސީ އަތުން ތިން ބަލިވެފައިވާ ގާޑިއޯލާ ލުކާކޫއަށް ތައުރީފް ކޮށްފައި މިވަނީ، އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މިދެޓީމު ބައްދަލު ކުރަން ޖެހިފައި ވަނިކޮށެވެ.
"ލުކާކޫއަކީ ކިހާ ފެންވަރު ހުރި ކުޅުންތެރިއެއްކަން ސިއްރު ކުރާކަށް އަހަރެން ނެތިން. އޭނާއަށް ވަރަށް ރަނގަޅަށް އިނގިރޭސި ލީގް އެނގޭ. ކުރިން އޭނާ ޗެލްސީއަށް ކުޅެފި. އޭނގެފަހުން އެވަޓަންގައި ކުރިއެރުންތަކެއް ހޯދުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑަށްވެސް ކުޅެފި. އެއަށްފަހު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން އިންޓަމިލާނަށްވެސް އޭނާ ކުޅެފި. ކޮންޓޭއަކީ އޭނާއެކު މަސައްކަތްކުރާ ކޮންމެ ކުޅުންތެރިޔަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެވޭނެ ފެންވަރު ހުރި ކޯޗެއް" ގާޑިއޯލާ ބުންޏެވެ.
"ޑިފެންސްލައިނުގެ ތެރެއަށް ބޯޅަ ކުޅެލަން އޭނާ ފުރުސަތު ފަހިކޮށްދޭ ގޮތުގެ ސަބަބުން މިދިޔަ ސީޒަނަށްވުރެ ޗެލްސީ މިހާރު އިތުރަށް ވަރުގަދަ ވެއްޖެ. މިއީ ބޮޑު ޗެލެންޖަކަށްވާނެ" މިދިޔަ ސީޒަނުގައި ލީގް ޗެމްޕިއަންކަން މެން.ސިޓީއަށް ހޯދައިދިން ކޯޗް ގާޑިއޯލާ ބުންޏެވެ.
ފާއިތުވެދިޔަ ދިހަވަރަކަށް މެން.ސިޓީގެ ފޯވާޑް ލައިނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ މިސީޒަނާ ކުރިމަތިލިއިރު ކްލަބު ދޫކޮށް ބާސެލޯނާއާ ގުޅިފައިވުމުން، ގާޑިއޯލާގެ ބޮލުގެ ރިހުމަކަށް ވެފައި އޮތީ ސެންޓަރ ފޯވާޑަކަށް ކުޅޭނެ މޮޅު ކުޅުންތެރިއެއް އެޓީމުގައި ނެތުމެވެ. އެކަމަށް ހައްލެއް ހޯދުމަށްޓަކައި ގާޑިއޯލާ ވަނީ ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ގެނައުމަށް މަސައްކަތް ކޮށްފައެވެ. "އަހަރެމެންނާ ވާދަވެރި ކޮންމެ ޓީމެއްގައިވެސް އެބަހުރި ސީޒަނެއްގައި ފަންސަވީހަކަށް ލަނޑު ޖަހާލެވޭނެ ވަރުގެ ފޯވާޑެއް. ސާޖިއޯ (އަގުއެރޯ) ނެތުމުން އެކަން ކުރަން އަހަރެމެންނަށް ވަރަށް އުނދަގޫވާނެ. ސްކޮޑާމެދު ޝަކުވާ ކުރާކަށް ނެތިން. އެއީ އަހަންނަށް އެނގޭ ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބިއްޖެނަމަ ޓީމެއްގެ ގޮތުގައި ކުރިއަށް ދެވޭނެކަން" ގާޑިއޯލާ ބުންޏެވެ.
މިމެޗަށް ނުކުންނައިރު ޗެލްސީ ތާވަލުގެ އެއްވަނަ މަގާމުގައި އޮތީ 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލް އާއި ތިންވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވެސް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ބާރަ ޕޮއިންޓާއެކު ހަތަރުވަނައިގައި ބްރައިޓަން އޮތްއިރު މެން.ސިޓީ ފަސްވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ.