ލިވް އެންޑް ލާން އެންވަޔަރމެންޓަލް އެޑިޔުކޭޝަންގެފަރާތުން ކުނިމެނޭޖްކުރުމުގެ ދާއިރާއިން އާއްމުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމުގެ ޕްރޮގްރާމް މިއަދު މާލޭގައި އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމަކީ ގްރޭޓާ މާލޭ އެންވަޔަރަންމަންޓަލް އިންޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

މި މަޝްރޫއު އަމާޒުވަނީ ޒޯން 3 ގައި ކުނި މެނޭޖްކުރުމުގެ ޒަމާނީ ފެންވަރުގެ ނިޒާމެއް ޤާއިމްކޮށް މި ސަރަހައްދުގެ ކުނިމެނޭޖްކުރުމަށް އިންގިލާބީ ބަދަލެއްގެނައުމެވެ. މިގޮތުން ވޭސްޓް ޓު އެނަރޖީ ޕްލާންޓަކާއި އެކު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އެއް ތިލަފުށީގައި ޤާއިމްކުރެވޭނެއެވެ. އަދި ޒޯން 3 ގައި ހިމެނޭ ރަށްރަށުގެ ކުނި މެނޭޖްކުރާ ސެންޓަރުތަކަށް ކުރިއެރުން ގެނެސްދެވޭނެއެވެ.

ޒޯން 3 ގައި ހިމެނެނީ އއ. އދ. ކ. އަދި ވ އަތޮޅުގެ ރަށްތަކެވެ. މި ސަރަހައްދުގައި މީހުންދިރިއުޅޭ 35 ރަށް ހިމެނޭއިރު އާބާދީ އަކީ 185،368 އެވެ. މިއީ މުޅިރާއްޖޭގެ އާބާދީ ގެ 42.93 އިންސައްތައެވެ. މި މަޝްރޫއަކީ ގިނަ ފަރާތްތަކެއްގެ މާލީ އެހީ އާއިއެކު މިނިސްޓްރީއޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އާންމުން ހޭލުންތެރިކުރުމާ އަހުލުވެރިކުރުމުގެ ޕްރޮގްރާމް އަމާޒުވަނީ މަޝްރޫޢުގެ އެހީގައި ގެނެވޭ ތަރައްޤީ އާއި ގުޅިގެން ބޭނުންވާ ތަމްރީން ދިނުމަށާއި ހެޔޮގޮތުގައި ކުނިމެނޭޖް ކުރުމަށް އަމަލު ކުރަންޖެހޭގޮތާއި މެދު އާންމުން ހޭލުންތެރިކުރުމުގެ މައްޗަށެވެ. މި ގޮތުން ކުނިމަދުކުރުމާއި، އަލުންބޭނުން ކުރުމާއި ރީސައިކަލް ކުރުން (3 އާރ) އަށް ރިއާޔަތްކޮށް ދިރިއުޅުމުގެ އާދަ ކާދަ ބަދަލު ކުރުމަށް ބާރު އެޅޭނެއެވެ.

ލިވް އެންޑް ލާން އެންވަޔަރަންމަންޓަލް އެޑިޔުކޭޝަންގެ ކަންޓްރީ މެނޭޖަރ، ޒަމީލާ އަހުމަދު ވިދާޅުވިގޮތުގައި މިއަދު ހިންގުނު ތަމްރީނު ޕޮރޮގްރާމުގެ މަޤްސަދަކީ މާލޭސިޓީގެ ރައްޔިތުންނަށާއި މުވައްސަސާތަކަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތަކުގައި އެހީތެރިވެދޭނެ ޓްރޭނަރުން ތަމްރީނުކުރުމެވެ. މި ޕްރޮގްރާމްގައި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ، އެލްޖީއޭ، ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓް، ސްކޫލްތަކާއި އަމިއްލަ ޖަމްއިއްޔާތަކުން މީހުން ބައިވެރިވެފައިވެއެވެ.

ގްރޭޓާ މާލޭ އެންވަޔަރމެންޓަލް އެންޑް ވޭސްޓް މެނޭޖުމެންޓް ޕްރޮޖެކްޓްގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ތިލަފުށިން ދުން އެރުން މުޅިން ހުއްޓިފައިވެއެވެ. މި މަޝްރޫޢުގެ އެހީގައި ޒޯން 3 ގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ސާފު ތިމާވެށްޓެށްގައި ދިރިއުޅުމުގެ މަގު ފަހިކޮށްދެވިގެންދާނެއެވެ.