ސަލާމަތީ ކަންކަމުގައި އިންޑިއާއާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ ދާއިރާތަކެއް ކަނޑައަޅައިފިއެވެ. އިންޑިއާއާއި އެމެރިކާއިން ބާއްވާފައިވާ ދެ ގައުމުގެ ދެމެދުގެ މަޝްވަރާތަކުގައި އެއްބަސް ވެފައި ވަނީ ސަލާމަތީ ދާއިރާގެ ކަންކަމުގައި ދެ ގައުމުން ގުޅިގެން އިތުރަށް ގުޅުން ބަދަހިކޮށް ގުޅިން މަސައްކަތް ކުރާށެވެ. އެމެރިކާއާއި އިންޑިއާއިން އެއްބަސްވެފައި ވަނީ ޓެރަރިސްޓުން ސްކްރީން ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށާއި އެކަމާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރުމަށާއި ވައިގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށާއި ޓެރަރިސްޓުން އިންޓަރނެޓް ބޭނުން ކުރާ ގޮތްތައް މޮނީޓާ ކުރުމާއި ޓެރަރިސްޓުން ފާހަގަ ކުރުމާއި ދެފަރާތުން ކަމާ ގުޅުން ހުރި މަސައްކަތްތައް އިތުރަށް ހަނރުދަނާ ކުރުމާ ބެހޭ ގޮތުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އިންޑިއާގެ ބޮޑު ވަޒިރު ނަރެންދްރަ މޮދީ، ވައިޓްހައުސްގައި ބާއްވާފައިވާ ބައްދަލުކުރެއްވުމުގައި މިނިވަންކަމުގެ އުސޫލުތައް ނެގެހެއްޓުމާއި ތަފާތު ޚިޔާލާއި ފިކުރަށް ޖާގަ ދިނުމާއި ހާމަކަން ބޮޑުކޮށް ހަމަތައް ގެންގުޅުމާއި އިންސާނީ ހައްގަށް އިޙުތިރާމް ކުރުމަށް މަޝްވަރާކޮށް އެއްބަސްވެ ވަޑައިގަތެވެ. މީގެ އިތުރުން މަސްތުވާތަކެތި އުފެއްދުން ހުއްޓުވުމަށް މަސައްކަތް ކުރުމަށްވެސް ދެ ގައުމުގެ ވެރިން އެއްބަސްވެ ވަޑައިގަތެވެ.
އިންޑިއާއާއި އެމެރިކާއިން ވަނީ 2015ން ފެށިގެން މުހިންމު ހަތަރު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މޚީގެ ސަބަބުން ދެ ގައުމު ވަނީ ދިފާއީ ދާއިރާއިން މުހިންމު ބައިވެރިންނަށް ވެގެން ގޮސްފައެވެ.
ޖުލައި މަހު އިންޑިއާއާއި އެމެރިކާއިން ސޮއިކޮށްފައިވާ އިންޑިއާ ޔޫއެސް ޑިފެންސް ޓެކްނޮލޮޖީ އެންޑް ޓްރޭޑް އިނިޝިއޭޓިވް ގެ 22 މިލިއަން ޑޮލަރު ޕްރޮޖެކްޓްގެ ދަށުން މީހަކާ ނުލައި ދުއްވާ ވައިގެ އުޅަނދުތައް ތަރައްގީ ކުރުމަށް ދިރާސާ ކުރުމަށް އެއްބަސްވެފައި ވެއެވެ.
އިންޑިއާއާއި އެމެރިކާއިން ދަނީ ސާފު ހަކަތައިގެ ދާއިރާގައިވެސް ގުޅިގެން މަސައްކަތް ކުރަމުންނެވެ. ދެގައުމުން އެކުލަވާފައިވާ ޓާސްފޯސްއިން ދަނީ ބައޯ ފިއުލްއާއި ހައިޑްރޮޖަން ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.