ކުއޯޑްގެ ހަތަރު ގައުމުން ބެއްވި ސަމިޓްގައި އުމްރާނީ ތަރައްގީއާ ބެހޭ ކަންކަން ވިލަރެސްކުރާ ގްރޫޕެއް އެކުލަވާލައިފިއެވެ. މި ގްރޫޕުން މަސައްކަތް ކުރާނީ ސަރަހައްދީ ފެންވަރުގައި ހުރި އިންފްރާސްޓްރަކްޗަރގެ މަޝްރޫއުތައް ދަނެގަތުމަށާއި ދެ ފުށް ފެންނަ ގޮތަކަށް ހޭދަ ކުޑަ ގޮތަކަށް އުމުރާނީ ތަރައްގީ ފޯރުވައި ދިނުމަށެވެ.
ވައިޓްހައުސްއިން ނެރުނު ބަޔާނުގައި ބުނާ ގޮތުން މި ގްރޫޕުން މަސައްކަތް ކުރާނީ ކެޕާސިޓީ ބިލްޑިންގއާއި ފަންނީ އެހީ ދިނުމާ ބެހޭ ގޮތުން ސަރަހައްދުގެ ގައުމުތަކާ އެކު މަޝްވަރާ ކުރާ ޖަމާއަތެއްގެ ގޮތުގައެވެ.
ކުއޯޑްގައި ހިމެނޭ ގައުމުތަކުން ވަނީ 2015ން ފެށިގެން 48 ބިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް 30 ގައުމެއްގައި ހިންގާފައި ކަމަށްވެސް ވައިޓްހައުސް ގެ ބަޔާނުގައި ވެއެވެ.
ކުއޯޑުގެ ގައުމުތަކުގެ ވެރިންގެ ފުރަތަމަ ޝަޚްސީ ސަމިޓް ބާއްވާފައި ވަނީ ވައިޓްހައުސްގައެވެ. އެމެރިކާ ރައީސް ޖޯ ބައިޑެންގެ ދައުވަތަށް އޮސްޓްރޭލިއާ ބޮޑު ވަޒީރާއި އިންޑިއާ ބޮޑު ވަޒީރާއި ޖަޕާނުގެ ބޮޑު ވަޒީރު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިހަތަރު ގައުމުގެ ވެރިން ވަނީ 21 ވަނަ ގަރުނުގައި ދިމާވާން ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި އުމްރާނީ ތަރައްގީއާއި ކޮވިޑް19އާއި ވެކްސިންއާއި ޓެކްނޮލޮޖީއާއި ސައިބާ ސްޕޭސްގެ ދާއިރގައި ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.