ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސްގައި ޓެރަރިޒަމާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ހިންގައި އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އަށް މީހަކު ހައްޔަރުކޮށްފައި ވަނީ އެ ޕރޮވިންސްގެ އެތައް ސަރަހައްދެއްގައި ހިންގާފައިވާ އޮޕަރޭޝަންތަކެއްގައެވެ.

ޕާކިސްތާން ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ބުނާ ގޮތުން ހައްޔަރުކޮށްފައިވާ އަށް މީހުންގެ ތެރޭން ހަތަރު މީހުންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ލޭބަލްކޮށްފައިވާ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ.

ހައްޔަރުކޮށްފައިވާ ބައެއް މީހުންނަކީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް އެކުލަވާފައިވާ ލިޔުންތައް ބެހުމުގެ މަސައްކަތުގައި އުޅުނު މީހުންނެވެ. އަދި ފައިސާއާއި ކާކުކަން އަންދައިދޭ ކާޑްތައްވެސް މިމީހުންގެ އަތުން ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ.

އަދި އިތުރު އެހެން ބަޔަކު ވަނީ ޝީއީ މަޛްހަބްގެ މީހުންނާ މެދު ނަފްރަތު އުފައްދާ ލިޔުންތައް ފާރުގައި ލިޔުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

މިމަހުގެ 22 ވަނަ ދުވަހުވެސް ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ވަނީ ކަރާޗީގައި އޮޕަރޭޝަނެއް ހިންގާފައެވެ. ކަރާޗީން ހައްޔަރުކޮށްފައި ވަނީ ހަތަރު މީހެކެވެ. މިމީހުން ހައްޔަރުކޮށްފައި ވަނީ ގޮވާތަކެއްޗާ އެކުގައެވެ. މިމީހުންނަށް ތުހުމަތު ކުރެވިފައި ވަނީ މުހިންމު މީހުންތަކެއް މަރާލުމަށް ރާވަމުން ދިއުމެވެ.

ޕާކިސްތާންގައި ޓެރަރިޒަމްގެ ނުރައްކަލާ ހެދި ނިއުޒިލެންޑާއި އިނގިރޭސިވިލާތުން ކުޅުމަށް ހަމަޖައްސާފައި އޮތް ކްރިކެޓް މެޗްތައްވެސް ވަނީ ނުކުޅެ ހުއްޓާލާފައެވެ.

ކަރާޗީގައި ޓެރަރިސްޓް ހަމަލަތައް ކުރިމަތިވެދާނެ ކަމަށް ބަލައިގެން ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

މީގެ އިތުރުން ބަލޯޗިސްތާން ޕްރޮވިންސްގައި ހަމަލަ ދޭން އުޅުނު ކަމުގ ތުހުމަތުގައި ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަޓުން ތިން ޓެރަރިސްޓުންނާއި ޖާނު ގޮއްވާލަން އުޅުނު މީހަކު ހައްޔަރުކޮށްފައި ވެއެވެ.