މިއަދު އަޑިއަށް ދިޔަ ސަފާރީގައި ހުރި ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 08:39 ހާއިރު ކ.ތިލަފުށީ ހުޅަނގުދެކުނުން 04 ނޯޓިކަލް މޭލުން (ވާދޫ ކަނޑު) ސަފާރީއެއް އަޑިއަށް ގޮސް އޭގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި ސަފާރީ އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ބައެއް މުދާތައް އެ ސަރަހައްދުން އިރަަށް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމުގެ އިތުރުން ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސަފާރީ ދިޔަވަމުން ދިޔައިރު އޭގައި 17 މީހުން ތިބިއިރު އޭގެތެރެއިން 41 އަހަރުގެ ބިދޭސީއަކު ވަނީ މަރުވެފައެވެ. އަދި އިތުރު ހަ މީހަކަށް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.