ޗައިނާއިން ކާޓޫނު އުފެއްދުމާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ސެންސަރުކުރަން ފަށައިފިއެވެ. ޗައިނާ ކޮމިއުނިސްޓް ޕާޓީން ދަނީ އޮންލައިން އާއި އޮފް ލައިން މީޑިއާ މެސެޖްތައް ސަރުކާރުން ކަނޑައަޅާ ގޮތަށް އަމިއްލައަށް ސެންސަރުކުރުމާއެކު އުފައްދައި ދުރަށް ފޮނުވުމަށް ބާރު އަޅަމުންނެވެ.

ކޮމިއުނިސްޓް ޕާޓީން ބުނާ ގޮތުން އުފައްދަން ޖެހޭ ކޮންޓެންޓަކީ ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކުރާ ދުޅަހެޔޮ ކޮންޓެންޓަށް ވާން ޖެހޭނެއެވެ. އަދި އަނިޔާވެރިކަން ތަމްސީލުކޮށްދޭ، ހުތުރުބަހުން ވާހަކަ ދައްކާ، ބަރަހަނާ މަންޒަރުގެ މާނައިގައި ހިމެނޭ ކޮންޓެންޓް ނު އުފެއްދުމަށް ބާރު އަޅަމުންނެވެ.

ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން އެޑްމިނިސްޓްރޭޝަން އިން ވަނީ މީޑިއާ ޕްރޮޑަކްޝަންއާ ބެހޭ ގަވާއިދަކާއި މިންގަނޑެއް އެކުލަވާލައި ހާމަކޮށްފައެވެ. މި ގަވާއިދު ބުނާ ގޮތުން ކުޑަކުދިންނާއި ޒުވާނުންނަށް އުފައްދާ ކޮންޓެންޓް އުފައްދައި ދައްކަން ޖެހޭނީ އެކަމަށް ގާބިލު އިދާރާތަކުންނެވެ.

ކޮމިއުނިސްޓް ޕާޓީން ޗައިނާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި އަތްފުނާ އަޅައި ސާފު ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މީހުންގެ މަގްބޫލުކަން ހޯދާފައުވާ ތަރިންނާ މެދުވެސް ސަރުކާރުން ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި އަޚްލާގީގޮތުން ސުއާލު އުފެދޭ ކަންކަން ކުރާ ފަންނާނުންނާ މެދުވެސް ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

މީގެ އެތައް ހަފްތާއެއް ކުރިން ޗައިނާއިން ވަނީ ބައެއް ރިއަލިޓީ ޝޯ ތައްވެސް މަނާ ކޮށްފައެވެ.