ޕާކިސްތާން ސެނެޓްގެ މެމްބަރުންނަށް ޚާއްސަ މަތިންދާބޯޓެއް ބޭއްވުމަށް ސަރުކާރުގެ ކޮއެލިޝަންގައި ހިމެނޭ ޕާޓީއަކުން ހުށަހަޅައިފިއެވެ. ދުވަހު ނޫސް ޑޯންއިން ބުނިގޮތުގައި ބަލޯޗިސްތާން އަވާމީ ޕާޓީގެ ސެނެތަރ މަންޒޫރު އަޙުމަދު ވަނީ މިކަމާ ބެހޭ ގަރާރެއް ސެނެޓަށް ހުށަހަޅުއްވާފައެވެ. މި ގަރާރަށް ބަހުސް ކުރުން މާދަމާ އޮންނާނެއެވެ.

ގަރާރުގައި އެދިފައި ވަނީ ޕާކިސްތާން ޕާލަމެންޓަށް ޚާއްސަ މަތިންދާ ބޯޓެއް ސަރުކާރުން ހަމަޖައްސާފައި ބެއްވުމަށެވެ. ނުވަތަ ސެނެޓްގެ ބަޖެޓުން ސެނަޓަށް ޚާއްސަ މަތިންދާ ބޯޓެއް ގަތުމަށެވެ. އަދި މި މަތިންދާ ބޯޓް އެތެރެއާއި ބޭރުގެ އުދުހުންތަކުގައި ބޭނުން ކުރުމުން މެމްބަރުންގެ ދަތުރު ޚަރަދުތަކަށް ކުރާ ހޭދައިން ބޮޑު ބައެއް ސަލާމަތްވާނެ ކަމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ.

އަދި އިތުރަށް ބުނެފައި ވަނީ ޕާލަމެންޓަކީ ޑިމޮކްރެޓިކް ގައުމުތަކުގައި ނުހަނު އިހުތިރާމް ދެވިގެންވާ ގައުމީ މަތިވެރި މުއައްސަސާއެކެވެ. އަދި ޕާކިސްތާން ޕާލަމެންޓަކީ ބައިނަލްއަގްވާމީ މަޖިލިސްތަކުގައި ޕާކިސްތާން ރައްޔިތުން ތަމްސީލުކުރާ މުއައްސަސާކަމުން އެމުއައްސަސާއަށް އޭގެ ހައްގު ގަދަރު ދޭން ޖެހެއެވެ.

މި ގަގާރުގައި ބުނެފައި ވަނީ ޕާކިސްތާންގެ ހަތަރު ޕްރޮވިންސްގައިވެސް ޗީފް މިނިސްޓަރުންގެ ދަތުރުތަކަށް ރަސްމީ މަތިންދާބޯޓާއި ހެލިކޮޕްޓަރުތައްވެސް ހަމަޖައްސާދީފައިވާ ކަމަށެވެ.

މިދިޔަ އަހަރު ފާސްކޮށްފައިވާ ގޮތުން ޕާކިސްތާންގެ ޕާލަމެންޓްގެ މެމްބަރުންނާއި އާއިލާގެ ދަތުރުތަކަށް ކޮންމެ މީހަކަށް 25 ބިޒްނަސް ކިލާސް ޓިކެޓް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.