އޮކްސްފޯޑްގެ ކޮވޑް19 ވެކްސިން ޓެސްޓްކުރުން ވަގުތީ ގޮތުން ހުއްޓައިލިއަސް އިންޑިއާގައި ސެރަމް އިންސްޓިއުޓުން މިވެކްސިންގެ ޓެސްޓްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެސްޓްރާޒެނެކާއާއި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާ މި ވެކްސިން ޓެސްޓް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ، އެކުންފުނިން ބުނިގޮތުގައި ޓެސްޓްގައި ބައިވެރިވި މީހަކު ގޮތް ނޭނގޭ ގޮތަކަށް ބަލިވެގެންނެވެ. މިއީ ވެކްސިން ދިނުމުން ދިމާވި މައްސަލައެއްކަން ނުވަތަ ނޫން ކަން ސާފެއް ނުވެއެވެ.

އިންޑިއާގެ ސެރަމް އިންސްޓިއުޓުން ބުނެފައިވަނީ އެފަރާތުން ކުރަމުންގެންދާ ޓެސްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ.

ޕޫނޭގައި ހުންނަ ސެރަމް އިންސްޓިއުޓަކީ ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުންޏެވެ.

މި މައްސަލަ ދިމާވެފައިވަނީ އިނގިރޭސިވިލާތުގައި ވެކްސިން ޓެސްޓްކުރުމުގެ ތެރޭގައެވެ.

އެސްޓްރާޒެނެކާއިން ކުރާ އެންމެ ފުޅާ ދާއިރާގެ ޓެސްޓްގައި އެކުންފުނިން ގެންދަނީ އެމެރިކާގައި 30 ހާސް މީހުންނަށް ވެކްސިން ދީގެން ޓެސްޓް ކުރަމުންނެވެ. އަދި އިނގިރޭސިވިލާތުގައި އެތައް ހާސް ބަޔަކާ ދެކުނު އެފްރިކާއާއި ބްރަޒީލްގައިވެސް މީހުން ބައިވެރިކޮށްގެން ޓެސްޓް ކުރަމުން ދެއެވެ.

އެހެން ދެ ވެކްސިންއެއްވެސް މިހާރު އުޅެނީ އޭގެ އެންމެ ފަހު މަރުހަލާގައެވެ. އެއީ އެމެރިކާގެ މޮޑާނާއާއި ފައިޒަރ އިން އުފައްދާ ވެކްސިންއެވެ.

ޓެސްޓް ކުރަމުންދާ ބޭހަކާ ގުޅިގެން ދިމަވާ މައްސަލަތައް ބެލުމަށް ޓެސްކުރުން މަޑު ޖައްސާލުމަކީ އާންމުކޮށް ކުރާކަމެކެވެ. އަދި އެސްޓްރާޒެނެކާއިން ބުނާ ގޮތުގައި މިކަމަކީ އިއްތިފާގެއްކަމުގައިވެސް ވެދާނެއެވެ.