އަފްޣާނިސްތާނަށް އެހީ ދިނުމުގައި އަންހެން ކުދިންގެ ތައުލީމަށް ހުރަސް ނޭޅުމާއި އަންހެނުންގެ ހައްގަށް ހުރުމަތްތެރިކޮށް ހިތުން ޝަތުރުކުރުމަށް އދގެ މަތީ ފެންވަރުގެ ޕެނަލްއަކުން ހުށަހަޅައިފިއެވެ. ތާލިބާނުން ކާބުލް ހިފިފަހުން، މިހާރު ވަނީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ސްކޫލަށް ދިއުން ހުއްދަ ކޮށްފައެވެ. އެކަމަކު ގްރޭޑް 6ން 12އަށް ކިޔެވުން އޮންނަނީ ފިރިހެން ކުދިންގެ ސްކޫލުތަކުގައި ފިރިހެން މުދައްރިސުންނާއެކު އެކަންޏެވެ.

އދން ބުނާ ގޮތުން އަފްޣާނިސްތާންގައި 4.2 މިލިއަން ކުދިން ވަނީ އުނގެނުމުން މަހުރޫމު ވެފައެވެ. ސްކޫލު ތައުލީމު ނުލިބޭ މިކުދިންގެ ތެރޭން 60 އިންސައްތަ ކުދިންނަކީ އަންހެން ކުދިންނެވެ.

ތާލިބާނުން ބުނެފައި ވަނީ ޔުނިވަރސިޓީއަށް ކިޔަވަންދާ އަންހެން ކުދިންނަށްވެސް ބައެއް ޚާއްސަ ގަވާއިދުތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޚާއްސަ ޔުނިފޯމެއް އެޅުމާއި ފިރިހެން ކުދިންނާއި އެއް ހޯލެއްގައި ނުތިބުން ފަދަ ކަންކަން ހިމެނެއެވެ. އަދި ތާލިބާން ސަރުކާރުގައި ކިޔަވައިދޭ މާއްދާތައްވެސް މުރާޖައާ ކުރާނެ ކަމަށް ތާލިބާނުން ބުނެއެވެ.

އދގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުޙައްމަދު ވިދާޅުވާ ގޮތުން ތާލިބާންގެ ނިންމުންތަކަކީ ނުތަވަސްކަން ލިއްބައިދޭ ނިންމުންތަކެކެވެ.

މި ޕެނަލްއިން އަފްޣާނިސްތާން މައްސަލަ މަޝްވަރާ ކޮށްފައި ވަނީ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައެވެ.

ބައްދަލުވުމުގައި ވާހަކަ ދެއްކެވި ފަރާތްތަކުން ވިދާޅުވެފައި ވަނީ، އަފްޣާނިސްތާންގެ އިގްތިސާދު ވިއްސިވިހާލިވިޔަ ނުދީ ހިފެހެއްޓުމަށާއި ތަޢުލީމީ އަދި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މުސާރަ ދެމުން ދިއުން ކަށަވަރު ކުރުމަށް އިންޓަރނޭޝަނަލް ކޮމިއުނިޓީން މަސައްކަތް ކުރަން ވާނެއެވެ.

އަފްޣާނިސްތާނަކީ ބޭރުގެ އެހީއަށް ބަރޯސާވާ ގައުމެއްކަމުން އަފްޣާނިސްތާނަށް އަންހެން ކުދިންގެ ތައުލީމަށް ބާރު އެޅުމަށް މަޖުބޫރު ކުރުމަކީ މުހިންމު ކަމެއްކަމަށް ޕެނަލުގެ މެމްބަރުން ދެކެވަޑައިގަތެވެ.

އެހީ ދޭ ފަރާތްތަކުން މިމަހުވެސް އެއްބަސްވެފައި ވަނީ އަފްޣާނިސްތާނަށް 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށެވެ. މި އެހީއަކީ އިންސާނީ އެހީއެއްކަމަށާއި އަދި އިންސާނީ ހައްގާ ބެހޭ ކުއްލި އެހީއެއް ކަމަށްވެސް ޔުނިސެފުން ވަނީ ސިފަކޮށްފައެވެ.