ސަގާފީ ފަންނުތައް ދިރުވުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނޭ ކަމެއް ނޫންކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ "ކަސަބު ބައި ހިދާ" ބްރޭންޑްގެ ދަށުން ހިދާނާ ލަޠީފް ކުރިއަށް ގެންދެވި ކަސަބު ވިޔަން ދަސްކޮށްދިނުމުގެ ކޯސް ފުރިހަމަ ކުރި މީހުންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.

މިރަސްމިއްޔާތު ބާއްވާފައިވަނީ ހޯމަ ދުވަހުގެރޭގައެވެ. މިފަދަ ކަންކަން އެންމެ އެކަށޭނަ ގޮތެއްގައި ކުރެވޭނީ ސަރުކާރާއި، ޖަމިއްޔާތަކާއި އަދި އަމިއްލަ ފަރުދުން ގުޅިގެންކަމަށް އެކަމަނާ ވިދާޅުވިއެވެ. މިފަދަ މަސައްކަތަކަށް އިސްނެންގެވިކަމަށްޓަކައި މިނިސްޓަރ ވަނީ ހިދާނާއަށް ޝުކުރު ދަންނަވައި، ހިތްވަރު ދެއްވާފައެވެ.

މިނިސްޓަރ ޔުމްނާ ވަނީ، ހިރި، ބަގިޔާ އަދި ރޮދިގަނޑުގެ ތަފާތު ފަރުމާތަކުން ޖަރީކުރި ލިބާހުގެ ކަސަބު ބޯވަޅު ވިޔުމަކީ ދިވެހި އަންހެނުން ޒަމާނުއްސުރެ ކުރަމުން އަންނަ ސާދާ ރީތި މަސައްކަތްތަކުގެ މިސާލެއް ކަމަށެވެ. އީޖާދީ ވިސްނުން ބޭނުންކޮށްގެން މިއަދު ކަސަބުގެ މަސައްކަތް އުވި ދިޔަނުދީ ކުރިއަށްގެންދަވާ އެއް ބޭފުޅަކީ ހިދާނާ ލަތީފު (ހިދާ) ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ދިވެހި ޒުވާނުންގެ މެދުގައި މިއަދު ކަސަބަކީ ސްޓައިލް ޓްރެންޑްއަކަށް ވެފައިވާ ކަމަށެވެ. 'ކަސަބު ބައި ހިދާ' ގެ ނަމުގައި ބްރޭންޑެއް އުފައްދަވައި ކަސަބު ވިޔުމުގެ ފަންނު، ހަމައެކަނި ލިބާހުގެ އިތުރުން ކުޝަން ކަވަރާއި އަތުގައި އަޅާ އެއްޗެހި ފަދަ ތަކެއްޗާއި ހަމައަށް ހިދާނާ ފުޅާކުރައްވާ މާކެޓް ކުރެއްވުމަކީ އެ ފަންނަށް ދިރުން ލިބިގެން ދިޔަ ކަމެއްގެ ގޮތުގައި ވެސްމިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ބޭއްވިގެން ދިޔައީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގައިކަން ފާހަގަކުރައްވާ މިނިސްޓަރ ޔުމްނާ ވިދާޅުވީ، މިފަދަ ކަންކަން ޒުވާނުންނަށް ދަސްކޮށްދިނުން ނުހަނު މުހިއްމު ކަމަށެވެ. އައު ގޮތްތައް ބޭނުންކޮށްގެން ސަގާފަތް ކުރިއަރުވައި، ފަތުރުވެރިކަމާ ގުޅުވައިގެން މިފަދަ މަސައްކަތްތައް އާލާކުރުންވެގެންދާނީ ކިތަންމެ ރަށަކަށް އެއިން ފައިދާ ކުރާނެ ކަމަކަށް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހިދާނާ ލަޠީފް ވިދާޅުވީ، ކަސަބު ވިޔުމުގެ މަސައްކަތް މިއަދުގެ ޖީލާ ހަމައަށް ވާސިލްވެފައި އޮތީ ވަރަށް ހިތްވަރުގަދަ، ދިވެހި ވަންތަކަމަށް ލޯބިކުރާ ބައެއްގެ މިންނެތް މަސައްކަތުން ކަމަށެވެ. މި މަސައްކަތް ކުރިއެރުވުމަށް މަސައްކަތްކުރާ، މަސައްކަތުގެ ތަޖުރިބާކާރުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަރާތްތަކުގެ އަގު ފަރުދީ އަދި ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިދާނާ ވިދާޅުވީ، މި ކޯސްތަކުން ކަސަބު ވިޔުމުގެ މަސައްކަތް ދަސްކުރާ ފަރާތްތައް އެ މަސައްކަތުގައި ދެމި ތިބުމާއި، އެ ފަރާތްތަކުން އެހެން މީހުންނަށް މި މަސައްކަތް ދަސްކޮށްދެއްވުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.

ކޯހުގެ ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި މަރިޔަމް އިޝާ އަޒީޒެވެ. އޭނާ ވިދާޅުވީ، މި ކޯހުގައި ދަސްވެގެން މި ދިޔައީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި ސަގާފީ މިފަދަ މަސައްކަތްތައް ކުރިއެރުވުމުގެ މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އިޝާ ވަނީ މި މަސައްކަތުގައި އިސްނެންގެވިކަމަށްޓަކައި ހިދާނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމަ މިއާއި އެކު ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާ އުފެދުނުފަހުން މިފަދަ ކަންކަމަށް ދޭ އަހަންމިއްޔަތުކަން އިތުރުވެގެން ގޮސްފައިވާކަން އިޝާ ފާހަގަކުރެއްވިއެވެ. މި ކޯހުގައި އިޝާ އާއި އެކު ކިޔެވި ދަރިވަރުންނަށް އޭނާ ވަނީ މި މަސައްކަތުގައި ދެމިތިބިމަށް ގޮވާލާފައެވެ.

ސަގާފީ އުކުޅުތަކާއި އާލާތްތައް ބޭނުންކޮށްގެން ކަސަބު ވިޔަން ދަސްކޮށްދިން މި ކޯސް ފުރިހަމަކޮށް، 18 ބައިވެރިއަކު ސެޓްފިކެޓް ހާސިލްކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 17 އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިއެކެވެ.

ހޯމަ ދުވަހުގެރޭ ސެޓްފިކެޓް ހާސިލްކުރި ބައިވެރިންނަކީ ހިދާނާ ހިންގަވާ ކަސަބު ވިޔުމުގެ ބޭސިކް ކޯހުގެ 7 ވަނަ ބުރުގެ ބައިވެރީންނެވެ. މީގެ ކުރިން ކުރިއަށްގެންދިޔަ މި ކޯހުގެ އެކި ބުރުތަކުގައި ބައިވެރިވެ ޖުމްލަ 19 މީހަކު ވަނީ މި މަސައްކަތް ދަސްކޮށްފައެވެ.

މި ކޯހުގެ ތެރެއިން ކޮންމެ އަހަރަކުވެސް ޚާއްސަ އެހީއަށް ބޭނުންވާ 3 ދަރިވަރަކަށް މުޅިން ހިލޭ މި މަސައްކަތް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެފަދަ އެއް ބައިވެރިއަކު މިހާރުވެސް ދަނީ މި މަސައްކަތް ދަސްކުރަމުންނެވެ.

ހިދާނާ ވިދާޅުވީ، ކުރިއަށް އޮތް ތާންގައި ކަސަބު ވިޔުމުގެ ބޭސިކް ކޯހުގެ އިތުރު ބުރުތަކާއި، ކަސަބު ވިޔުމުގެ އެޑްވާންސް ކޯސްތަކާއި، ކިނާރި ވިޔުމުގެ ކޯސްތައްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކަސަބު ވިޔުމުގެ ބޭސިކް ކޯހުގެ އިތުރު ބުރެއް އަންނަ އޮކްޓޯބަރ މަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.