ހުސެއިން ސަލާހުއްދީންގެ ކާފަ ދަރިކަލުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދްނާނަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ޚާއްސަ އިލްތިމާސެއް ކުރައްވައިފިއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމްގެ އިލްތިމާސް ފެއްޓެވީ 1932 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ވުޖޫދުވުމާ ހިސާބުން އެމަނިކުފާނު ދިވެހިރާއްޖޭގެ މަޙްކަމަތުއް ޝަރްޢިއްޔާގައި ފަނޑިޔާރު ކަމުގެ ގޮނޑިކޮޅުގައި އިންނެވި ދުވަސްވަރު ހިނގާދިޔަ ކަންތައްތަކަށް އަލިއަޅުވާ ލައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ޙުސެއިން ޞަލާޙުއްދީން ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރެއްވި ގޮތް ހަނދާނަށް ގެންނަން އެބަޖެހޭ ކަމަށެވެ. އޭރުގެ ރަދުން ހުސެއިން ސަލާހުއްދީނަށް ނުވަތަ ފަނޑިޔާރުގެއަށްއއ ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކުރެއްވިކަން ތާރީޚުގައި ލިޔެވިފައިވާ ކަމަށާއި އެ ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ހިސާބުން އެމަނިކުފާނު ފަނޑިޔާރު ކަމުގެ މަޤާމުން ދުރުވެ ވަޑައިގެންނެވިކަމަށެވެ. އަދުލު އިންސާފު ޤާއިމްކުރުމަށާއި ދުސްތޫރު ނެގެހެއްޓުމަށް އޭރު ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ގޮތް އެއޮތީ ފެންނަން ކަމަށާއި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި މިހާރުވެސް ހަމަ އެލޭ ހިނގާ ބޭފުޅުންއެބަތިއްބެވި ކަމަށެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި މިއަދު އެހުންނެވީ ހުސެއިން ސަލާހުއްދީނަށް ކާފަ ވިދާޅުވާ ބޭފުޅެއް. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު. މިއަދު މީ އެދުވަސް. ދިވެހި ރައްޔިތުންނަށް ދިވެހި ގައުމުގެ ހައްގުގައި 100 އަހަރު ނުވެ އޮތްކަންތައް ދިވެހި ތާރީޚުގައި ލިޔުމުގެ ފުރުސަތު މިއޮތީ ހުސެއިން ސަލާހުއްދީނަށް ކާފަ ވިދާޅުވާ ބޭފުޅެއްގެ އަތްޕުޅުގައި. ދިވެހި ރައްޔިތުން އަދުލު އިންސާފާމެދު ކުރާ އުއްމީދުގެ ހުޅުކޮޅު ނިއްވާނުލާ ބޭއްވުމުގެ ބާރު މިއަދު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި. އަޅުގަނޑުގެ އުއްމީދަކީ އެބޭފުޅުން ދިވެހި ޤައުމަށް ހެޔޮއެދި ވަޑައިގެން، ކުރައްވައިގެން ތިއްބެވި ހުވާގެ މަތީގައި އެވުހާ ހަނދުމަ ކުރައްވައިގެން ތިއްބަވައިގެން ރައީސް ޔާމީން ގެ ޝަރީޢަތް ނިންމަވާނެ ކަމަށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދައުލަތުންވަނީ ޤާނޫނުއަސާސީގައި ލިބިދީފައިވާ ޙައްގުތަކުން ރައީސް ޔާމީން މަޙްރޫމްކޮށްފައި ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ވީތީ އެމަނިކުފާނުގެ ޝަރީޢަތުގައިވެސް އެތައް ކަންތައްތަކަކުން ތަފާތުކުރުން ގެންގުޅޭ ކަމަށާއި ރައީސް ޔާމީނަށް ވީތީ ދައުލަތަކަށް އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 17ވަނަ މާއްދާގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި އެމާއްދާގައިވާ ކަންތައްތަކަށް ބަލާއިރު ވަކި ސިޔާސީ ފިކުރަކަށްވީތީވެސް ތަފާތު ނުކުރެވޭނެ ކަމަށާއި އެހެންނަމަވެސް ރައީސް ޔާމީންގެ މުޅި ޝަރީޢަތުގައި ކަންތައް ހިނގާ ދިޔައީ ޤާނޫނު އަސާސީގެ 17ވަނަ މާއްދާއާ މުޅިން ޚިލާފަށް ކަމަށް ވިދާޅުވިއެވެ. ދަށު ކޯޓުން ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރިއިރު ނަގާފައިވަނީ ފާސިގުންގެ ހެކިބަސް ކަމަށާއި އެއީ އަދީބާއި ޒިޔަތުގެ ހެކިބަސް ކަމަށެވެ. އަދީބަކީ ޚިޔާނާތް ހިންގިކަމަށް އިއުތިރާފްވެފައިވާ މީހެއް ކަމަށާއި އޭނާއާއެކު އެއްބަސްވުން ހަދާ ރައީސް ޔާމީނަށް ހުކުމް ކުރުމަކީ އިންސާފެއް ނޫން ކަމަށް ޝިޔާމް ވިދާލުވިއެވެ.

އިތުރަށް ވިދާޅުވީ މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް މަގާމާ ހަވާލުވެވަޑައިގެން އެމަނިކުފާނަށް ފެނިވަޑައިގެންނެވި ބައެއްގެ ދައުވާ އަނބުރާ ގެންނެވި ކަމަށާއި ރައީސް މައުމޫނާއި ގާސިމް އިބްރާހީމާއި ފާރިޝް މައުމޫންގެ ދައުވާ އަނބުރާ ގެންނެވި ކަމަށާއި ނަމަވެސް އެއްވެސް އަސްލެއް އަސާސެއް ނެތް ގޮތަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންނަން ކެރިވަޑައި ނުގެންނެވި ކަމަށެވެ.

"ޤާނޫނު އަސާސީގެ 220ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ވަކި ފަރާތްތަކަށް ބުރަނުވާ މުސްތަގިއްލު ޕްރޮސެކިއުޓަރ ޖެނެރަލްއެއް ހުންނަންވާނެ ކަމަށް އެބަބުނޭ. މުސްތަގިއްލުތޯ؟ ހަމަ އެމާއްދާގައި އެއްވެސް ފަރާތެއްގެ ނޫފޫޒެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އޮވެގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވޭ. ނަމަވެސް އެހެންތޯ ކަންކަންވަނީ. އަލުގަނޑުމެންނަށް މި ފެންނަނީ ރައީސުލްޖުމްއހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު އަންގަވާ ގޮތަކަށް ކަންކަން ކުރަމުންދާތަން." ޝިޔާމް ވިދާޅުވިއެވެ.

އިހަށްދުވަހު ޝަރީޢަތުގެ މަޖިލީހުގައި އިވުނީ އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާން ޕީޖީ ނިންމާފައިވާ ކަމަށް ދައުލަތުގެ ޕްރޮސެކިއުޓަރުން ބުނި އަޑު ކަމަށާއި ފަހުން ކޮންމެ އެއްޗެކޭ ކިޔަސް އެމީހުން ޝަރީޢަތުގައި އެ ހާމަކުރީ އެކަން ކުރަން ނިންމާފައި އޮތް ގޮތް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެންނަށް މި އިވުނީ އޯޑިއޯތަކެއްގެ ވާހަކަ. ތަހުގީގު ކުރިތޯ؟ ހައިލަމްގެ ބަޔާން ތަހުގީގުކުރިތޯ ނުކުރޭ. ޖޭއެސްސީގައި ކޮން ވަސީލަތެއްތޯ ހުރީ 2ގަޑިއިރުން އޯޑިއޯ ތަހުގީގު ކުރަން. އަޅުގަނޑުމެން އިހަށް ދުވަހު ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރިން. ކޮމިޝަނަރަށް ބާރު ހިނގާ ފަރާތަކުން ނޫނޭ އޯޑިއޯ ތަހުލީލުކުރަންޖެހޭނީ ދެންނެވިން. ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ މިއަދު އެގޮތަށްކުރާ ތަހުލީލެއް. އަޅުގަނޑުމެން ދެންނެވިން ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި ކަންތައްތަކުގައި ބޭރުގެ ތަހުގީގީ ތަހުލީލީ އިދާރާތަކުގެ އެހީ އެބަހުރި ހޯދާފަ. މިކަމުގައިވެސް ހޯދާށޭ. ފައިސާ ނެތްނަމަ ފައިސާވެސް ހޯދާށޭ. ރައީސް ޔާމީންގެ މައްސަލައަކީ ބޮޑު ސިންގާ ޤައުމީ މައްސަލައެއް." ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް ބޭރުގެ ފަރާތްތަކުން އޯޑިއޯ ތަހްލީލު ކުރަންޏާ މައްސަލަ ލަސްވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވި ކަމަށާއި ބޭނުމީ މައްސަލަ ލަސްވުން އަވަސްވުމެއް ނޫން ކަމަށާއި ބޭނުމީ އިންސާފު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެތަހުގީގު އިންސާފުވެރި ކަމާއެކީގައި ކުރެވެންޖެހޭނެ ކަމަށާއި އެ ތަހުލީލުވެސް އިންސާފުވެރިކަމާ އެކީގައި ކުރެވެން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.