މި ސަރުކާރަކީ މަތީ ތައުލީމަށް އެންމެ އިސްކަން ސަރުކާރު ކަމަށް ޑމިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެވުނު ސުވާލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް މީހުން، ބިނާކުރުމަށާއި، މަތީ ތައުލީމް އުގަންނައި ދިނުމަށް ނުކުރާވަރުގެ ބޮޑެތި ހޭދަތަކެއް މިސަރުކާރުން މިވީ ކުރު މުއްދަތުގައި ކޮށްފައިވާކަމަށެވެ. އަދި މިހިނގާ ރިޔާސީ ދައުރަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މީހުން ބިނާ ކުރުމަށާއި، އުނގަންނައި ދިނުމަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދުވަސްތައް ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާއިއެކުވެސް ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ އިސްނެންގެވުމުގެ މަތީން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ އެއްވެސް ދަރިވަރަކަށް ސަރުކާރުން ހަމަޖައްސަން ޖެހޭ އެއްވެސް ކަމަކަށް ދަތިވެފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޮލާޝިޕްތަކާއި، ސްޓޫޑެންޓް ލޯނު ހަމަޖެއްސުމުގައިވެސް އެއްވެސް ދައްޗެއް ނެތި ސަރުކާރުން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މިއަހަރުގެ ފެބްރުއަރީމަހު ހުޅުވާލި ސްޓޫޑެންޓް ލޯނު ލިބުނު 514 ދަރިވަރުންނަށް މިހާތަނަށް ލޯނު ދޫކޮށްފައެވެ. މިއީ ސްޓޫޑެންޓް ލޯން ދޭ އުޞޫލަށް ބަދަލުގެނެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރަން ހުޅުވާލީ ފުރަތަމަ ފަހަރެވެ. އެގޮތުން މި ބުރުގައި 550 ފުރުޞަތު ހުޅުވާލިއިރު މިކަމަށް 151 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ވޭތުވެދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ގޮތުގައި ކޮލެޖް އަދި ޔުނިވަރސިޓީތަކުން ހިންގި 843 ޕްރޮގްރާމެއްގައި 13999 ދަރިވަރުން ބައިވެރިވެފައިވެއެވެ.