އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ވިންގަރ އަލީ ހައިޝަމް (ޗުމްޕް) އާއި މުހައްމަދު ނާއިމަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ މުބާރާތުގައި ކުޅެވިދާނެކަމަށް ނުބެލެވޭތީ އެދެކުޅުންތެރިން މިއަދު ސްކޮޑުން އުނިކޮށް މުބާރާތުގައި ވާދަކުރާ ސްކޮޑް ރާއްޖެއިން ފައިނަލް ކޮށްފިއެވެ.

މިދެކުޅުންތެރިންނަށް އަނިޔާވީ ގަތަރުގައި ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައެވެ. ނާއިމްގެ ކަކުލަށް އަނިޔާވެފައިވާއިރު އޭނާއަށް އެނބުރު ކުޅުމުގެ ތެރެއަށް އާދެވޭނީ އޮޕަރޭޝަނަކަށްފަހު ކަމަށް ގައުމީ ޓީމުގެ މެޑިކަލް ޓީމުން ވަނީ ހާމަކޮށްފައެވެ. ޗުމްޕްއަށް އަނިޔާވެފައިވަނީ އޭނާގެ އުޅުވަޅަށެވެ.

ޗުމްޕް އާއި ނާއިމްގެ ބަދަލުގައި ސްކޮޑުން ފުރުސަތު ދިނީ މޫސާ ޔާމީން (ޔާމްބެ) އަށެވެ. ޔާމްބެއަކީ ގައުމީ ޓީމުން ގަތަރު ޓްރެއިނިންއަށް ގެންދިޔަ ސްކޮޑުގައި ހިމެނޭ ކުޅުންތެރިޔެކެވެ. ޗުމްޕް އާއި ނާއިމްއާ ހިލާފަށް ޔާމްބެއަކީ ގިނަ މަގާމުތަކަށް ކުޅޭ ކުޅުންތެރިއެކެވެ. ޔާމްބެ އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ ނިއުރޭޑިއަންޓުގައި 2015 ވަނަ އަހަރު ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ޔާމްބެއަކީ ޑިފެންސަށާއި ޑިފެންސިވް މިޑްފީލްޑަރަކަށް އަދި އެޓޭކިންގ މިޑްފީލްޑަރަކަށްވެސް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭ ގައުމީ ޓީމަށް އިރުޝާދުދޭނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ކޯޗް އަލީ ސުޒޭނެވެ. މިއީ ދިވެހި ކޯޗެއްގެ އިރުޝާދުގެ ދަށުން ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވާދަކުރާ ފުރަތަމަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ 23 ކުޅުންތެރިންގެ ސްކޮޑް:

ކީޕަރުން: މުހައްމަދު ފައިސަލް ، ނާޖިހް އަލީ ، މުހައްމަދު ޝަފީއު (ޗެކް)

ޑިފެންޑަރުން: އަކްރަމް އަބްދުލް ޣަނީ ، ސަމޫހް އަލީ (ސަމުއްޓެ) ، އަހްމަދު ނޫމާން (ހެލްމެޓް) ، ހުސައިން ޝިފާއު (ކްރޯ) ، ހައިޝަމް ހަސަން ، ޤާސިމް ސައްމާހް (ސައްމެ) ، މޫސާ ޔާމީން (ޔާމްބެ)

މިޑްފީލްޑަރުން : އައިޝަމް އިބްރާހިމް ، ހުސައިން ނިހާން (ނިހާޓް) ، އަސްހަދު އަލީ (އަޑުބަރޭ) ، އަލީ ފާސިރު (ސެންޓޭ) ، އިސްމާއިލް އީސާ ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ، ހަމްޒާ މުހައްމަދު (ހަމްޕް) ، މުހައްމަދު އުމައިރު

ފޯވާޑުން: އަލީ އަޝްފާޤް (ދަގަނޑޭ) ، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ، ހަސަން ރާއިފް އަހްމަދު (ހަންނަ) ، ނާއިޒް ހަސަން (ދާދު)