މިއަދަކީ މުޅި ދުނިޔޭގައި ފާހަގަކުރާ ހިތުގެ ދުވަހެވެ. މިއަދު އެންމެން ވެސް މަސައްކަތް ކުރަންވީ އެމީހެއްގެ ހިތަށް ހަމަޖެހުން ހޯދައިދިނުމަށެވެ.

ދުނިޔޭގެ ފިކުރާއި ނޭދެވޭ ވިސްނުންތަކުން ތިމާގެ ހިތް މިންޖުކުރާށެވެ. އެއަށްފަހު ތިމާގެ އާއިލާއާއި ރައްޓެހި ރަހުމަތްތެރީންނާއި ވަށައިގެންވާ އެންމެންނަށް ހިތްހަމަޖެހުން ހޯދައި ދިނުމަށް މަސައްކަތް ކުރާށެވެ.

މިކަން މިގޮތަށް ކުރެވޭނީ ޕޮޒިޓިވްކޮށް ވިސްނަން ދަސްކޮށްގެން ދަސްކޮށްދީގެންނެވެ. މާފުކުރުމާއި ނުރުހުންތެރިކަމުން ހިތް ސަލާމަތް ކޮށްގެންނެވެ.

މިއަދު މީހަކަށް މަޢާފް ކޮށްލަމާ ހިނގާށެވެ. ކަންކަމަށް ޚިޔާލު ދިނުމުގައި ނެގެޓިވް މިންވަރު އަށަގެންފައި ވަނީ ކިހާވަރަކަށްތޯ ވިސްނާލަމާ ހިނގާށެވެ. މީހުން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ކޮމެންޓު ކުރަން ފަށަމާ ހިނގާށެވެ. އެއީ އާދައަކަށް ހަދަމާ ހިނގާށެވެ. އަނެކާގެ ހިތްދަތި ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭ އޯގާތެރި މީހަކަށް ވާށެވެ.

މުޖުތަމަޢުގެ އެންމެންގެ ދުޅަހެޔޮކަމަށް އެދޭ އަދި ދުޢާކުރާ މީހަކަށް ވާށެވެ. ހިތްހަމަ ނުޖެހުމާއި، ރުޅިއާއި ނަފްރަތާއި ހަސަދަވެރިކަން ހިތުން ފޮހެލާށެވެ. ހިތް ސާފުވާނެއެވެ. ހިތަށް ފިނިކަން ލިބޭނެއެވެ. އެއީ މުޅި ދިރިއުޅުން އުޖާލާވެގެން އަންނާނެ ކަމެކެވެ.

އުފާކުރަންވީ ކަމަކީ އަޅުގަނޑުމެން މުސްލިމުންނަށް ވުމުންނެވެ. އެއްބަޔަކު އަނެއްބަޔަކަށް މަޢާފު ކުރުމާއި އަޅާލުމަކީ މާތްވެގެންވާ އިސްލާމްދީން ބާރުއަޅާ ކަމެކެވެ. އެ ދީނަކީ އަޅުގަނޑުމެން މުސްލިމުން އަޚުންތަކެއް ކަމުގައި ލެއްވުމަށް މެދުވެރި ކުރެއްވި ދީނެވެ.

އެހެން ކަމުން އެއްބަޔަކު އަނެއްބަޔަކުދެކެ ލޯބިވުމުގައި އެންމެ ކުރީގައި އުޅުމުގެ ފުރުސަތު ﷲ މިވަނީ ފަހިކޮށްދެއްވައިފައެވެ.