ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އައިލެންޑް އެޕެރަލްސްއިން ޑިޒައިންކޮށް ތައްޔާރު ކޮށްފައިވާ ރާއްޖޭ ގައުމީ ޓީމުގެ ޖާޒީ އާއި އޮފިޝަލުންގެ ކިޓް ރަސްމީކޮށް ދައްކާލުމުގެ ހާއްސަ ރަސްމިޔާތު މިއަދު ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) އިން ނިންމައިފިއެވެ.

މިއީ ރާއްޖޭ ގައުމީ ޓީމުގެ ތާރިހުގައި ރާއްޖޭގެ ކުންފުންޏަކުން ރާއްޖޭގެ ގައުމީ ޖާޒީ އާއި އޮފިޝަލުންގެ ކިޓް ޑިޒައިންކޮށް ތައްޔާރު ކުރި ފުރަތަމަ ފަހަރެވެ. ޖާޒީ ޑިޒައިން ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު އަބްދުﷲ ނަޝާތެވެ.

މީގެ ކުރިން ރާއްޖެއިން ބޭނުން ކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މެދުވެރިކޮށް އުފައްދާފައިވާ ކިޓްތަކެވެ. މިގޮތުން އެންމެފަހުން ގައުމީ ޓީމުން ބޭނުން ކުރި ކިޓަކީ ސްޕެއިނުގެ މަޝްހޫރު ޖޯމާއިން އުފެއްދި ކިޓެކެވެ.

ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް އެފްއޭއެމްއިން ހަމަޖައްސައި އެކުންފުންޏާއެކު ސޮއީ ކުރީ މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އެވެ. އައިލެންޑް އެޕަރެލްސްގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ އަލީ މުޝްހަދެވެ.

ރާއްޖެ އާއި ނޭޕާލް މާދަމާ ރޭ ގަލޮޅު ދަނޑުގައި ބައްދަލު ކުރާ މެޗުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި މިފަހަރު ބޭނުން ކުރާ ލޯގޯ ފަރުމާ ކުރީވެސް ދިވެހި ކުންފުންޏެއް ކަމުގައިވާ ނޯވާ އެސޯސިއޭޓްސްގެ ދިވެހި މުވައްޒަފުންނެވެ.