ވ. އަތޮޅު ކެޔޮދޫ ސުކޫލުގައި މަތީސާނަވީ އިފްތިތާހު ކޮށްފިއެވެ. މިއަދު ހެނދުނު ކެޔޮދޫ ސުކޫލުގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިންސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އައިޝަތު އަލީ އެވެ.

އެޑިޔުކޭޝަން މިނިސްޓަރުގެ ވާހަކަފުޅުގައި މަދަރުސީ ތަޢުލީމުގެ އެންމެ ފަހު މަރުހަލާ ރަށެއްގައި ތަޢާރަފު ކުރެވުމަކީ އެރަށަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ ރަށުގެ ތަޢުލީމަށާއި މީހުންގެ އުޅުމަށް އަންނަ ތަރައްޤީ ކަމުގައިވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސުކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ ކެޔޮދޫ ސުކޫލުގައި މަތީ ސާނަވީ މި ފެށުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އެގޮތުން ކެޔޮދޫ ކައުންސިލާއި ރަށުގެ ވެރިންގެ އިތުރުން އަތޮޅުކައުންސިލުގެ ރައީސް އަދި މުޅި އަތޮޅުގެ ހުރިހާ ވެރިންވެސް މިކަމަށް ދެއްވި އެއްބާރު ލެއްވުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް އޭލަވަލް އަށް ކިޔެވުމަށް އެންމެ ގަދައަޅާ މަސައްކަތް ކުރި 6 ދަރިވަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތްވެސް ޕްރިންސިޕަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު ސުކޫލަށާއި އަތޮޅުގެ ތަޢުލީމު ކުރިއެރުވުމަށް ދެއްވާ ސަމާލުކަން ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވ. އަތޮޅުގެ އިސްވެރިންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް ގެންނަމުން ގެންދާ ބަދަލު ތަކުގެ ތެރޭގައި ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ސުކޫލުގައި އޭލެވެލްއަށް ކިޔަވައި ދިނުން ވަނީ ހިމަނާފައެވެ.

އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ކީ ސްޓޭޖް 5 ގެ އައު ސިޔާސަތު ނެރުއްވީ 1 ސެޕްޓެމްބަރ 2021 ގައެވެ. ހަމަ އެދުވަހު ކެޔޮދޫ ސުކޫލުގައި މަތީ ސާނަވީ އުފެއްދުމުގެ ހުއްދަ ވަނީ ދެއްވާފައެވެ.

ކެޔޮދޫ ސުކޫލަކީ ވ އަތޮޅުގައި ފުރަތަމަ ފަހަރަށް މަތީ ސާނަވީ އަށް ކިވައިދޭން ފަށްޓާ ސުކޫލެވެ.