ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި 19 ވަނަ ފަހަރަށް ދަންމާލައިފި އެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތްކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދެއްވާފައިވާ ކަމަށެވެ. އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.