ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒެއް ޖެހުމަށް ރާއްޖޭގައި ތައްޔާރު ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ 3 ވަނަ ޑޯޒެއް ޖަހާނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ސިއްޙީ ހިދުމަތްތެރިންނަށް ކަމަށެވެ. އަދި އެގޮތަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ލަފާދީފައިވާ ކަމަށެވެ.
ކަމާ ބެހޭގޮތުން މިހާތަނަށްކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށް ފަހުގައި މިގޮތަށް ނިންމާފައިވާ އިރު، ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ނިންމާފައިވަނީ ފައިޒާ ވެކްސިން ކަމަަަށް ވެސް ބުނެފައި ވެއެވެ.
އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޯވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.