ޗައިނާއިން ޕާކިސްތާންގައި ހިންގާ މަޝްރޫއުތައް ހިމެނޭ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް)ގެ ޕްރޮޖެކްތްތަކަށް ޗައިނާއިން ލޯންތައް ދީފައިވައި ވަނީ ވިޔަފާރި ރޭޓްގައި ކަމަށް އެއިޑްޑޭޓާއިން ބުނެއެވެ. އެއިޑް ޑޭޓާއަކީ ބައިނަލްއަގްވާމީ ތަރައްގީގެ މަޝްރޫއުތައް ދިރާސާ ކުރާ އެޖެންސީއެކެވެ.
ސީޕެކްގެ ޕްރޮޖެކްޓްތަކަށް ޗައިނާއިން ކުރާ ހޭދަ، 92.2 ޕަސެންޓަށް އަރައެވެ. މިއިން 73 ޕަސެންޓަކީ ކަރަންޓް އުފެއްދުމުގެ ދާއިރާއަށް ކުރާ ހޭދައެވެ. ބާކީ ހޭދައަކީ ޕާކިސްތާން ސަރުކާރުގެ ހިއްސާއެވެ.
2000 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ޗައިނާއިން ޕާކިސްތާންގެ ޕްރޮޖެކްތްތައް ހިންގުމަށް 34.4 ބިލިއަން ޑޮލަރު ހޭދަ ކުރުމަށް ނިންމިއެވެ. ޗައިނާއިން ދޭ ބައިނަލްއަގްވާމީ އެހީ ހަތް ވަނައަށް އެންމެ ގިނައިން ލިބޭ ގައުމަކީ ޕާކިސްތާނެވެ. މިހާރުވެސް ޕާކިސްތާންގައި ޗައިނާއިން 71 ޕްރޮޖެކްޓެއް އެބަ ހިންގައެވެ.
ޗައިނާއިން ޕާކިސްތާނަށް ދީފައިވާ ލޯންތައް އިންޓަރެސްޓާއެކު ދައްކަން ފަށަން ޖެހޭނީ 13.2 އަހަރު ފަހުންނެވެ. އަދި އިންޓަރެސްޓް ރޭޓަކީ 3.76 ޕަސެންޓެވެ. އަދި ގްރޭސް ޕީރިއަޑެއްގެ ގޮތޮގައި 4.3 އަހަރު ހަމަ ޖައްސާފައި ވެއެވެ.
އެއިޑް ޑޭޓާގެ ރިޕޯޓްގައި ބުނެފައި ވަނީ ޗައިނާއިން ދީފައިވާ ލޯންތަކުގެ ދެބައި ކުޅައެއްބައި ދީފައި ވަނީ ޕްރޮޖެކްތްތަކަށް ބޭނުންވާ ތަކެއްޗާއި ސާމާނުތައް ޗައިނާގެ އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުން ގަތުމަށްޓަކައެވެ. އަދި މި މުއާމަލާތަށް ފައިސާ ދެއްކުމުގެ ޒިންމާ އޮންނާނީ ސަރުކާރަށެވެ. ޕާކިސްތާނު ސަރުކާރުން ވަނީ ލޯންތަކަށް ފައިސާ ދައްކާނެ ކަމުގެ ގެރެންޓީ ދީފައެވެ. އަދި އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުން ގަންނަ ތަކެއްޗާއި ސާމާނަށް ދޭ ފައިސާއަކީ ދެފުށް ފެންނަ ގޮތަކަށް ލޯންގެ ތެރޭގައި ހިމެނޭ ފައިސާއެއް ނޫނެވެ. މިއީ ސަރުކާރަށް ފަހިވާ ގޮތަށް ޗައިނާގެ ލޯން އެގްރިމެންޓްތަކުގައި ހިމެނޭ ސިއްރު މާއްދާތަކެވެ. އެހްނވެ، އެއިޑް ޑޭޓާއިން ބުނަނީ ޕާކިސްތާން ސަރުކާރުގެ ދަރަނި ޖީޑީޕީގެ 92.8 އިންސައްތައަށް އަރައިގެން ގޮސް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ޗައިނާ ޕާކިސްތާން އެއްބަސްވުންތަކުގައި ސިއްރު މާއްސާތައް ހިމެނޭ ކަމަށް ބުނުމުން ސީޕެކް ޕްރޮޖެކްޓްތަކާ ގުޅޭ ޕާކިސްތާން ބޮޑު ވަޒީރުގެ އެޑްވައިޒަރު ޚާލިދު މަންސޫރު ވިދާޅުވީ އެއްވެސް ކަމެއް ސިއްރުކޯށްފައި ނުވާނެ ކަމަށެވެ. އަދި ހުރިހައި ކަމެއްވެސް ސީޕެކްގައި ނާމީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ޗައިނާއިން ދަނީ ޕާކިސްތާނަށް އެމެރިކާއިން ދޭ އެހީއަށް ވުރެން ޗައިނާއިން ގިނައިން އެހީ ދެމުންނެވެ. ޗައިނާގެ އެހީ އެމެރިކާ އެހީއަށް ވުރެން 8.4 އިންސައްތަ އިތުރެވެ.
އެމެރިކާއިން އެހީ ދީފައި ވަނީ ސިވިލް ސޮސައިޓީއާއި އިޖުތިމާއީ އުމްރާނީ ތަރައްގިއަށާއި ތަޢުލީމީ ދާއިރާއަށެވެ. މިއާ ޚިލާފަށް ޗައިނާއިން އެހީ ދީފައި ވަނީ ކަރަންޓު އުފެއްދުމުގެ ދާއިރާއަށާއި ހައިވޭތަކާއި މަގުތައް ހެދުމާއި ދަތުރުފަތުރާ ބެހޭ ދާއިރާއަށެވެ.
މަންސޫރު ވިދާޅުވީ ދަނޑުވެރިކަމާއި އައިޓީގެ ދާއިރާއަށްވެސް ޗައިނާގެ އެހީ ހޯދުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. ޑޯން ނޫސް