ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގައި މިރޭ ގަލޮޅު ދަނޑުގައި ދިވެހި ސަޕޯޓަރުން ކުރިމަތީގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެން ޖެހިލުން ނުވާކަމަށް ނޭޕާލްގެ ކެޕްޓަން އަދި ގޯލް ކީޕަރު ކިރަން ޗެމްޖޮންގ ބުނެފިއެވެ.
ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައިވާ ކިރަން، އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ބުނީ ދިވެހި ސަޕޯޓަރުންނަށް އިހްތިރާމް ކުރާ ކަމަށާއި އެކަމަކު މުބާރާތަށް ނޭޕާލުން ކުރިމަތިލީ އެހެން ގައުމުތަކަށްވުރެ ވަރުގަދަކޮށް ކަމަށެވެ.
"ދިވެހިންނަށް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅޭތީ އެޑްވާންޓޭޖް އެބައޮތް. އެކަމަކު އެއީ އަހަރެމެން ސަމާލުކަން ދޭނެ ކަމެއް ނޫން. ދިވެހި ސަޕޯޓަރުންނަށް ފުރިހަމައަށް އިހްތިރާމް ކުރަން. އަހަރެމެން މަސައްކަތް ކުރާނީ ދަނޑުމަތިން ނޭޕާލް ކޮޅަށް ނަތީޖާ ނެރުމަށް. ނޭޕާލުން ސާފް ޗެމްޕިއަންޝިޕަށް މިއައީ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި" ތަޖުރިބާކާރު ކީޕަރު ކިރަން ބުންޏެވެ.
ރާއްޖެ އާއި ނޭޕާލް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގިނަ މެޗުތައް ވެފައި ވަނީ ވަރަށް ފޯރިގަދަ މެޗުތަކަކަށެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއްމެޗަކީ އިންޑިޔާގައި 1999 ވަނަ އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕުގައި 3-2 އިން ނޭޕާލްގެ މައްޗަށް ދިވެހިން ކުރި ހޯދައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދި މެޗެވެ. އޭގެފަހުން 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕުގެ ސެމީފައިނަލުން ރާއްޖެ ޖާގަ ހޯދީވެސް 3-2 އިން ނޭޕާލް ބަލިކޮށްފައެވެ. އެއަށްފަހު ދެން ބޭއްވުނު ސާފް ޗެމްޕިއަންޝިޕުގައި، 2008 ވަނަ އަހަރު ގަލޮޅު ދަނޑުގައި ދިވެހި ސަޕޯޓަރުން ކުރިމަތީގައި ނޭޕާލްގެ މައްޗަށް ދިވެހިން ކުރި ހޯދީ ފޯރިގަދަ ބަލާހިތްވާފަދަ ކުޅުމަކަށްފަހު 4-1 އިންނެވެ. ނޭޕާލްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީފައިނަލަށް ރާއްޖެ އާއި ނޭޕާލުން ނިކުތްއިރު ފެވަރީޓުންގެ ގޮތުގައި އޮތީ ނޭޕާލެވެ. އެކަމަކު ދިވެހި ކުޅުންތެރިން ވަނީ ކަށިން ހިތްވަރު ނެރެ 3-0 އިން ނޭޕާލް ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި، ފައިނަލުގައި އިންޑިޔާ 2-1 އިން ބަލިކޮށް ސާފް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެއަށް ދެވަނަ ފަހަރަށް ހޯދައި ދީފައެވެ.
މިފަހަރަކީވެސް "އެފަހަރު" ކަމަށް ހެދުމުގެ އަޒުމުގައި އޮތް ދިވެހި ގައުމީ ޓީމުން އިދިކޮޅު ގައުމުތައް ބަލި ކުރުމަށް ކުރާ ހިތްވަރުގައި އެންމެ މުހިއްމު ދައުރެއް ކުޅޭނެ ބަޔަކީ ދިވެހި ސަޕޯޓަރުންކަން ޔަގީނެވެ. ދިވެހި ސަޕޯޓަރުންގެ ތަރުހީބުގެ އަޑާއެކު، ގަލޮޅު ދަނޑުގައި ދިވެހި ގައުމީ ޓީމާ ދެކޮޅަށް ނުކުންނަ ކޮންމެ ގައުމެއްވެސް ޕްރެޝަރަށް ވެއްޓޭކަން އިދިކޮޅު ޓީމުތަކުންވެސް ރަނގަޅަށް ދަނެއެވެ.