ރާއްޖޭގައި ސެޓެލައިޓް ސުކޫލުތައް ހުޅުވަނީ ވ. ތިނަދޫ، ރަކީދޫ އަދި ބ. ފެހެންދޫގައެވެ. މި ތިންސުކޫލަށް ކުދިން ވަނުމުގެ ފުރުޞަތު އެޑިޔުކޭޝަން މިނިސްޓްރީއިން މިހާރު ވަނީ ހުޅުވާލާފައެވެ.

ސެޓެލައިޓް ސުކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން ޖެހެނީ އެ ސުކޫލެއް ނިސްބަތްވާ ބެލެނިވެރި ސުކޫލަކަށް ފޯމު ހުށަހަޅާށެވެ. މިގޮތުން ރަކީދޫ ސުކޫލަށް ވަންނަން އެދޭ ދަރިވަރުން ފޯމު ހުށަހަޅަން ޖެހޭނީ ވ. ކެޔޮދޫ ސުކޫލަށެވެ. ވ. ތިނަދޫ ސުކޫލަށް ވަންނަން އެދޭ ދަރިވަރުން ފޯމު ހުށަހަޅަން ޖެހޭނީ ވ.އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ބ.ފެހެންދޫ ސުކޫލަށް ވަންނަން އެދޭ ދަރިވަރުން ފޯމު ހުށަހަޅަން ޖެހެނީ ބ.ގޮއިދޫ ސްކޫލަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން ނެރެފައިވާ ސެޓެލައިޓް ސުކޫލު އުޞޫލުގައި ބަޔާންކޮށްފައިވާގޮތުންނަމަ ދިވެހި ސެޓެލައިޓް ސުކޫލުތަކުގެ ކިޔަވާދިނުމުގެ ކަންކަން ރާވާހިންގާނި މަރުކަޒީ ސުކޫލުންނެވެ. އަދި މި ސުކޫލުތަކުގެ ދަރިވަރުންނަށް ހިންގާ ހަރަކާތްތައް ހިންގާނީ ބެލެނިވެރި ސުކޫލުންނެވެ.

ރާއްޖޭގެ ސެޓެލައިޓް ސުކޫލުތަކުގެ އެއް ގްރޭޑަކަށް ނިސްބަތްވާ ދަރިވަރުން ކިޔަވާނީ އެއް ވަގުތެއްގައި އެއް ކުލާހެއްގައެވެ. މާނައަކީ މިދަރިވަރުން ކިޔަވަނީ އޮންލައިންކޮށެވެ. އެހެން ކަމުން އެ ގްރޭޑެއްގެ ހުރިހާ ދަރިވަރުން ބައިވެރިވާނީ އެއް ގޫގުލް ކްލާސްރޫމްގައެވެ. މި ސުކޫލުތަކުގެ ދަރިވަރުން އޮންލައިންކޮށް ކިޔަވާއިރު އެކުދިންނަށް އެހީތެރިވުމަށް ކޮންމެ ރަށެއްގައިވެސް ކުދިންނާއެކު ޓީޗަރަކު ހުންނާނެއެވެ.

ސެޓެލައިޓް ސްކޫލް ނިޒާމަކީ އޮސްޓްރޭލިޔާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ހިންގަމުންދާ ތަޢުލިމު ފޯރުކޮށްދޭ ނިޒާމެކެވެ. މި ޤައުމުތަކުގައިވެސް ސެޓެލައިޓް ސްކޫލް ނުވަތަ އެއަރ ސްކޫލް ހިނގަނީ ބެލެނިވެރި ސްކޫލެއްގެ އެހީތެރިކަމާއެކުގައެވެ. އަދި ދަރިވަރުން ކިޔަވަންދަނީ އިޖްތިމާއި މަރުކަޒުތަކުގައި އެކަމަށް ޚާއްސަ ކުރެވިފައިވާ ޖަގަހައަކަށެވެ. ނަމަވެސް ރާއްޖޭގެ ސުކޫލުތައް ތަފާތެވެ. ރާއްޖޭގައި މި ސުކޫލުތައް ހިންގާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ވަކިވަކި އިމާރާތުގައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައިވާގޮތުން ރާއްޖޭގެ ސެޓެލައިޓް ސުކޫލުތައް ހުޅުވޭނީ މިމަހު 24 ގައެވެ.