މިރޭ (އޮކްޓޯބަރ އެއްވަނަދުވަހުގެ ރޭ) ދިމާވި ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ.

މަޣްރިބު ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައި އޮތް ދަރުސް ނިންމާލާފައި، ދިޔައީ ރައްޓެއްސަކާ އެކު ކޮފީ އަކަށެވެ. ކޮފީއަށް އިންޞާފުކޮށް ނިމުނު ތަނުން ޢިޝާ ނަމާދަށް ބަންގި ގޮވައިފިއެވެ. ބޭރަށް ނިކުތްއިރު އޮތީ، ހިމަފޮދު ވާރޭ ވެހިވެހިއެވެ. މާ ބޮޑަށް ނުތެމި، އިސްލާމީ މަރުކަޒާ ހަމައަށް ދެވޭތޯ، ފަޔަށް ބާރުލާފައި ހިނގައިގެންފީމެވެ. ރަޙްމަތްތެރިޔާވެސް އަޅުގަނޑުގެ ފަހަތުން އާދެއެވެ. އިސްލާމީ މަރުކަޒާ ވަރަށް ކައިރިއަށް އާދެވިފައި ވަނިކޮށް، ފަހަތުން އައި މީހަކު، އޭނާގެ ކުޑައިގެ ދަށަށް އަޅުގަނޑުވެސް ވައްދައިފިއެވެ. ކާކުތޯ ބަލާލިއިރު އެއީ މާލޭގެ ޤަދަރުވެރި ވިޔަފާރި ވެރިއެކެވެ. ގިނަ އިރުތަކެއް ނުވެ އިސްލާމީ މަރުކަޒު ތެރެއަށް ވަދެވިއްޖެއެވެ.

އަޅުގަނޑު ވުޟޫ ކޮށް ނިމުނު އިރު ޖަމާޢަތް ފެށިއްޖެއެވެ. ނަމާދުކޮށް ނިމިގެން، ރަޙްމަތްތެރިޔާއާ އެކު މިސްކިތުން ފޭބިއިރު، މިސްކިތުގެ ފާޚާނާ ބަރިއާ ދިމާއަށް ބަޔަކު އެއްވެގެން އުޅޭތީ، ކައިރިއަށް ޖެހިލާފައި ވެގެން އުޅޭ ގޮތެއް ސާފު ކޮށްލަން އެތަނުން މީހަކާ ސުވާލު ކޮށްލީމެވެ. ޖަވާބުގައި އެ މީހާ ބުންޏެވެ. [ޝޭޚުއެވެ! މިއުޅެނީ މިސްކިތަށް އެރި ބައެއް މީހުންގެ ފައިވާން ގެއްލިގެންނެވެ.] މި މީހާ ޖަވާބު ދީ ނުނިމި އުޅެނިކޮށް އަޅުގަނޑަށް ފެނުނީ ފައިވާނަކަށް ނާރާ، ހުސް ފަޔާ ހުރި މީހެކެވެ. ރަނގަޅަށް ބަލާލި އިރު އެއީ، އެއްކަލަ ވިޔަފާރި ވެރިޔާއެވެ.

[ވަގުކަލޭގެ ގެންދިޔަ ފައިވާންތަކުގެ ތެރޭގައި އެ ބޭފުޅާގެ ފައިވާންވެސް ވެއްޖެއެވެ.] އެއްކަލަ މީހާ އިތުރަށް ސާފުކޮށް ދިނުމުގެ ގޮތުން ވާހަކަ ކުރިޔަށް ގެންދިޔައެވެ. [ޝޭޚު އެވެ. މިއީ މިހާރު ވަރަށް ބޮޑުވެއްޖެ ކަމެކެވެ. ވަގަށް ނަގަނީ އެއްފައިވާނެއް ދެ ފައިވާނެއް ނޫނެވެ. ނަގާ ހުރިހާ ބޫޓަކާ ފައިވާނެއް އަމުނައިގެން ގެންގޮސް ވިއްކަނީ ފަޅު ތެރޭގައި ތިބޭ ބޯޓުފަހަރުގެ މީހުންނަށެވެ.] މީގެ ކުރީގައިވެސް މިސްކިތްތަކުން މަދުމަދުން ފައިވާނާއި ބޫޓު ގެއްލެވެ. ނަމަވެސް މިހާރު މިކަން މި ކުރާ ގޮތަކަށް މި ކަމެއް ނުކުރެއެވެ.

އަޅުގަނޑުގެ ހިތަށް އެރިއެވެ. ރާއްޖެވެސް ބޭރުގެ ބޮޑެތި ޤައުމުތަކާ ފައިހަމަ ކުރަނީތާ އެވެ! ދެން ޖެހޭނީ އެޤައުމުތަކުގައި ހުންނަހެން، މިސްކިތްތަކުގައި ފައިވާން ލާނެ ލޮކަރު ބަހައްޓާށެވެ! ސަހަރޯއެވެ! އިސްލާމް ދީނަށް ބޯ ލަނބައިގެން ތިބި ސައްތައިން ސައްތަ މުސްލިމުންނެވެ. ދެ މީހުން ދެމީހުންނަށް ބައްދަލު ވުމުންވެސް މި ކިޔަނީ، [އައްސަލާމު ޢަލައިކުމް] (ތިބާއަށް އަމާންކަން ހުއްޓެވެ.)

!އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވަން އޮތް ސުވާލަކީ، ތިމާ ހިތު ހުރިހާ ކަމެއް ކޮށް، މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަމުންވެސް، ތިމަންނާއަކީ މުސްލިމެކޭ ބުނުމުން ފުދުނީތޯއެވެ؟
އައްޝައިޚް ޙަސަން ލަތީފް މޫސާ

ހަމަ ގައިމުވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [މުސްލިމަކީ އޭނާގެ ދުލާއި އަތުގެ އުނދަގުލުން އެހެން މުސްލިމުން ސަލާމަތް ވެގެންވާ މީހާއެވެ.]