ޗައިނާއިން ކުރިއަށް ގެންދާ ދުނިޔޭގެ ގައުމުތައް ޗައިނާއާ ގުޅުވާލާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓް (އާރްބީއައި) ގެ ބަދަލެއްގެ ގޮތުގައި ޔޫރަޕްގެ ޖަމާއަތުން ގްލޯބަލް ގޭޓްވޭގެ ނަމުގައި މަޝްރޫއެއް ފަށައިފިއެވެ. ޔޫރަޕްހގެ ޖަމާއަތުގެ ގްލޯބަލް ގޭޓްވޭއަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓަށް ބޮޑު ގޮންޖެހުމެއްކަމުގައި ބެލެވެއެވެ.
އާރްބީ އައި ބޭނުންކޮށްގެން ޗައިނާގެ މުދާ އެހެން ގައުމުތަކަށް ފަސޭކަމާއެކު އެކްސްޕޯޓް ކުރުމަށް ޗައިނާއިން މަސައްކަތް ކުރެއެވެ. 2013ގައި ޗައިނާއިން ފެށި މި ޕްރޮޖެކްޓްގެ ދަށުން 70 ގައުމެއް ވަނީ އާރްބީއައިގެ ތެރޭން ގުޅުވާލާފައެވެ.
އެމެރިކާއާއި ޔޫރަޕްގެ ޖަމާއަތުން ގޮވަމުން ގެންދަނީ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ދެ ފުށް ފެންނަ ގޮތަށް އެގްރިމެންޓްތައް ހަދަމުން ގެންދިއުމަށެވެ. އާރްބިއައި މަގްބޫލު ވެގެން ގޮސްފައި ވަނީ ފަސޭހަކަމާއެކު ޗައިނާއިން ލޯންތައް ސަރުކާރުތަކަށް ދޭން ފެށުމުންނެވެ. ނަމަވެސް މި ލޯން އެގްރިމެންޓްތަކަކީ ސޮއިކުރެވޭ ސަރުކާރުގެ މަސްއޫލު ވެރިންނާއި ޗައިނާ ސަރުކާރުގެ އިތުރުން އެހެން ބަޔަކަށް އޭގެ ތަފްސީލު އެނގޭ އެއްޗެއް ނޫނެވެ.
ޔޫރަޕާއި އެމެރިކާއިން ބާރު އަޅަމުން ގެންދަނީ ވިޔަފާރި މުއާމަލާތުގައިވެސް ދެފުށް ފެންނަ ގޮތަށް އެއްބަސްވުންތައް ހެދުމަށެވެ.
ކުރިން ދީލަތިކަމާއެކު ޗައިނާއިން ދެމުން ދިޔަ ލޯންތަކާއި ޕްރޮޖެކްޓްތައް ކޮވިޑް19ގެ ހާލަތާ ގުޅިގެން މަޑު ޖެހިފައިވާ ކަން ފާހަގަ ކުރެއެވެ. އެގޮތުން އޮސްޓްރޭލިއާއާއި މެލޭޝިއާއާއި މިޔަންމާރާއި ޕާކިސްތާނާއި ސިއެރާލިއޯންއާއި ކިރިގީޒިސްތާންފަދަ ގައުމުތަކުގެ ތެރޭން ބައެއް ގައުމުތަކުގައި ޕްރޮޖެކްތްތައް ކެންސަލް ކޮށް އަދި އަނެއް ބައި ގައުމުތަކުގައި ޕްރޮޖެކްޓް ކުޑަ ކޮށްފައި ވެއެވެ.