ތާލިބާންގެ ވެރިކަމުގައި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުސަތު ދެމުން ނުދާ ކަމަށް ޤަތަރުން ބުނެފިއެވެ. ތާލިބާނުން ވަނީ ސާނަވީ ތަޢުލީމުގެ މަރުޙަލާގެ އަންހެން ކުދިންނަށް ސްކޫލަށް އައުމަށް ހުރަސް އަޅާފައެވެ.
ޤަތަރުގައި ޔޫރަޕްގެ ޖަމާއަތުގެ ފޮރިން ޕޮލިސީ ވެރިޔާ ޖޯސެފް ބޮރެލްއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޤަތަރުގެ ޚާރިޖީ ވަޒިރު ޝެއިޚު މުހައްމަދު ބިން އަބްދުއްރަޙްމާން އާލްސާނީ ވިދާޅުވީ ތާލިބާނުން ވަނީ ކުރިއަށް ދިއުމުގެ ބަދަލުގައި ފަހަތަށް ފިޔަވަޅެއް އަޅާފައެވެ. އަދި އަންހެން ކުދިން އުނގެނުމުން މަރުޙޫމް ކުރާ ކަމަށް ފާޑުވިދާޅުވަމުން އޭނާ އެދިވަޑައި ގަތީ ތާލިބާނުން އިސްލާމީ ނިޒާމެއް ހިންގަން ބޭނުންނަމަ، ޤަތަރުން ކަންކުރާ ގޮތް ބެލުމަށެވެ.
ޤަތަރަކީ ތާލިބާނުން އެމެރިކާއާއެކު ބެއްވި މަޝްވަރާތަކަށް ފަހިކޮށްދިން ގައުމެވެ.
ޤަތަރުން ބުނާ ގޮތުން ގާނޫނު ހިންގުމާއި އަންހެން ކުދިންނަށް ކިޔަވައި ދިނުން ފަދަ ކަންކަން ހިންގާނެ ގޮތް ތާލިބާނުން ބަލަން ވާނެއެވެ. ޝެއިޚު މުހައްމަދު އެދިވަޑައިގެންފައި ވަނީ ފާއިތު ވި އަހަރުތަކުގައި ހޯދާފައިވާ ކާމިޔާބީތައް ފޮހެ ނުލުމަށެވެ.