މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަކީ އޭނާގެ އަމިއްލަ މަސައްކަތުން ދިރިއުޅުން ކާމިޔާބު ކުރެއްވި ބޭފުޅެއް ކަމަށް މިހާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ) ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ނަސީމް މިހެން ވިދާޅުވީ ދިވެހިފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ ގާސިމް ފަދަ ބޭފުޅުން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރޭގައި އުޅުއްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތް ކުރައްވައިގެން ކަމަށެވެ. ނަސީމް މެން ރިސޯޓުތައް ހިންގެވި ދުވަސްވަރު ގާސިމް އެބޭފުޅުންނަށް ތެޔޮ ފޯރުކޮށްދެއްވެވި ކަމަށް ވެސް ވިދާޅުވިއެވެ.

ތެޔޮ ފޯރުކޮށް ދެއްވުމަށް ގާސިމް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެއްވީ ކަޑި އުނގުޅާފައި އޮންނަ ރިޔައުނެގި ދޯންޏެއްގައި ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ. "ގާސިމް މެން ކަހަލަ ބޭފުޅުންނަކީ ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން މީގެ ތެރޭގައި (ފަތުރުވެރި ކަމުގެ ވިޔަފާރި) އުޅުއްވަމުން ގެންދަވާ ބޭފުޅުން. އަޅުގަނޑުމެން ރިސޯޓުތައް ހިންގިއިރު ގާސިމް އަޅުގަނޑުމެންނަށް ތެޔޮ ފޯރުކޮށްދެއްވާނެ. ކަޑި އުނގުޅާފައި ހުންނަ ރިޔާނެގި ދޯންޏެއްގައި ގާސިމް ދަތުރުކުރައްވާނީ އެއްރަށުން އަނެއް ރަށަށް. ފީފާ މަދުވެގެން އުޅުއްވާއިރު އަޅުގަނޑުމެން ފީފާ އެއްޗެހި ވެސް ގާސިމަށް ދެން. އެކަހަލަ ގޮތަކަށް ގާސިމް އުޅުއްވީ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެބޭފުޅުން ޖަލުގައި ހޭދަ ކުރެއްވި ދުވަސްވަރު ކޮންމެ ރެއަކު ފަތިސް ނަމާދުން ފައިބައިގެން ކިޔަވަން ތިއްބަވާއިރު ގާސިމް ބައްލަވައިގެންފައިވާ ބޯޓެއްގައި ދަބަރު ތަޅުއްވާއަޑު އިވޭ ކަމަށެވެ. "އަޅުގަނޑު ޖަލުގައި ހުރިއިރު ކޮންމެދުވަހަކު ހެނދުނު އަޅުގަނޑުމެން ފަތިސްނަމާދުން ފައިބައިގެން ކިޔަވަން ތިބޭއިރު ދަބަރު ތަޅަން ފަށާނެ. އެއީ ގާސިމް. ކުޑަކުޑަ ސޯޓުކޮޅެއްގައި ހަމަ އޭނާ އަމިއްލަފުޅަށް ދަބަރު ތަޅުއްވަން އިންނަވާނެ، އޭނާ ބައްލަވައިގެންނެވި ބޯޓެއްގައި.،" ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑު ގާސިމްގެ ވާހަކަ މިދައްކަނީ ރީއްޗަށް މަސައްކަތުން ކުރިއަރައިގެން ގޮސްފައި ހުންނެވި ބޭފުޅަކަށްވާތީ އިނގޭތޯ. މީހުން ބުނެފާނެ އޭނާ މިވެނިހެންނޭ އެވެނިހެންނޭ. އެއީ ބުހުތާން ރޯ ދޮގު އިނގޭތޯ،" ނަސީމް ވިދާޅުވިއެވެ.

މީހުން ކަންކަން ކާމިޔާބު ކުރައްވަނީ މަސައްކަތްކޮށްގެން ކަމަށާއި މަސައްކަތް ކުރައްވާ ކަމަށްވާނަމަ ކާމިޔާބުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީހާ އެއް އަމާޒަކަށް ހިފާފައި ހުންނަ ކަމަށްވާނަމަ އެއަމާޒުން އޭނާއަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ކުރަންވީ ކަމަކީ "ކެރިގެން މަސައްކަތްކުރުން،" ނަސީމް ވިދާޅުވިއެވެ.