ވެމްކޯއިން މާލެ ސަރަހައްދުގެ ގޭގެއަށް މިހާރު އަންގާފައިވަނީ ކޮންމެ ފަންގިފިލާއަކަށް ވެސް އަރައި ކުނި ނަގާނެ ކަމަށެވެ. އެހެންކަމުން ތިރިއަށް ނުވަތަ ބޭރަށް ކުނި ނެރެފައި ނުބެހެއްޓުމަށް ވެސް ވަނީ އަންގަވައިފައެވެ.

މިގޮތަށް އެންގެވީ ބައެއް ފަރާތްތަކުން ދުވާރުމަތީގައާއި މަގުމަތީގައި ކުނި ބަހައްޓާތީ ކަމަށް ވެދާނެއެވެ. އެގޮތަށް ހުންނަ ކުނި ބައެއްދުވަސް ދުވަހު ގެންދެއެވެ. އަނެއްބައި ދުވަސް ދުވަހު ނުގެންދެއެވެ. ނަތީޖާއަކަށް ވަނީ ބުޅާ އައިސް ކޮތަޅު ފަޅާލައި މުޅި މަގަށް ކުނި ފަތުރާލުމެވެ. ދުވާރުމަތީގައި ހުންނަ ކުނިކޮތަޅުތައް މީހުންގެ ފައިން ޖެހި ނުވަތަ އެހެންވެސް ގޮތަކުން މުޅި ދުވާރު މައްޗާއި މަގުމައްޗަށް އެޅިފައި ހުރެއެވެ.

މިކަމާ ގުޅިގެން ވެމްކޯގެ ބަހެއް ހޯދައިލުމަށް އެތަނަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއެވެ. ވެމްކޯގައި ކުނި އުކާލަން އުޅޭ މުވައްޒަފަކާ ވާހަކަ ދައްކާލީމެވެ. ވަރަށް ހިތްހަމަ ނުޖެހިފައިހުރެ އެ މުވައްޒަފުބުނީ މިއަދު ތިރީގައި ( ގޭގެއިން ނެރެފައި ) ހުރި ކުނިތައް ނެގޭކަށްނެތް ކަމަށެވެ. ސަބަބަކީ ސުޕަވައިޒަރު އެގޮތަށް އަންގާފައިވާތީއެވެ. މިއޮއް ވިއްސާރަދުވަސްވަރު ކުނި ނުނެގުމުން މުޅި މަގު އޮންނާނީ ކުނިން ފުރިފައެވެ. "އެކަމަކު އޭނާ (ސުޕަވައިޒަރު) އެހުރީ ބަލަން އެހެންވީމާ އެކުނި ނެގޭކަންނެތް،" އެ މުވައްޒަފު ބުންޏެވެ.

އެދުވަހު ވެމްކޯއިން ގެންދިޔައީ ގޭގޭ މީހުންނަށް ގޮވައިގެން އެގެއަކު މީހުން ނެރުނު ކުންޏެވެ. ބޭރަށް ނެރެފައިހުރި ކުނި ހުރީ ބަހައްޓާފައެވެ. މަގުމަތީގައެވެ. އަނެއްދުވަހު އެ ކުނިތައް މުޅި މަގުމައްޗަށް ފެތުރިފައި އޮތެވެ.

ވެމްކޯގެ މުވައްޒަފުން ގެއަށް ކުނި ބަލައި ނައިސްގެން 12 ޖަހަންދެން އެމީހުންގެ އިންތިޒާރުގައި ތިބެންޖެހުނެވެ. ނަމަވެސް ވެމްކޯގެ މުވައްޒަފުންގެ ޚަބަރެއް ނުވިއެވެ. ވެމްކޯގެ އޮފީހަށް ގުޅުމުން ފޯނެއް ނުނަގައެވެ. މަގުމައްޗަށް ނުކުތްއިރު މަގުމަތީގައި އެކި ފަރާތްތަކުން ބަހައްޓާފައި ހުރި ކުނިތައް ހުރީ ގެންގޮސްފައެވެ. އެހެންވީމާ މިފަހަރު މިގެންދިޔައީ މަގުމައްޗަށް ނެރެފައި ހުރި ކުނިކަން އެނގުނެވެ.

ކުނި އުކާލުމަށް ވެމްކޯއިން މީހުން އަންނާނެ ގަޑި ލަފާކޮށްލާފައި އެގަޑިއަށް ސަމާލުވެގެން ގޭގެ ހުރިހާއެންމެންވެސް ތިބެއެވެ. ދެ އަހަރުގެ ދަރިފުޅުވެސް ގޭގެ "ބެލް" ޖަހާލާއިރަށް ކުނި ބަލާ އައީއޭ ގޮވާލައެވެ. އެއީ ގޭގައި ދިރިއުޅޭމީހުން އެކަމަށް ސަމާލުވެ ތިބޭ މިންވަރުންނެވެ.

ވެމްކޯގައި ރަޖިސްޓްރީކޮށްގެން ކޮންމެ މަހަކު ފީދައްކަމުންދާ، ގޭގެއިން ކުނި އުކައި ނުދޭތީ ވަރަށް ގިނަމީހުން ޝަކުވާ ކުރެއެވެ. އެހެން ކަމުން އެމީހެއްގެ ހިތުގެ ޝުޢޫރުތައް އެކި ގޮތް ގޮތަށް އެކި ތަންތާގައި ފާޅުކުރަމުން ގެންދެއެވެ. އެންމެ ގިނައިން ފެންނަނީ ފޭސްބުކް ގައި ހިއްސާކޮށްފައި ހުންނަ ލިޔުންތަކެވެ. ބައެއް މީހުން ބުނާގޮތުގައި ވެމްކޯ މީހުންނަށް މިކަން ނުކުރެވެންޏާ ކުރީގައި ވެސް އޮތްގޮތަށް އެގެއެއްގެ ކުނި އެގެއެއްގެ މީހުނަށް އުކާލެވޭނެ ގޮތަށް ހަދަންވީއެވެ. އެގޮތް ގޯހެއް ނޫނެވެ. އޭރުން ކުނި އުކާލައި އުޅުނު މީހުނަށް ގޭދޮށާއި މަގުތައް ސާފުކޮށް ބެލެހެއްޓޭނެއެވެ. މިހާރު މިވާގޮތަކީ ކުރީގައި އަމިއްލައަށް ކުނި އުކާލައި، މަގުތައް ސާފުކޮށްގެން އުޅުނު މީހުންގެ ގޭދޮށްވެސް ހަޑިވެ ތަޣައްޔަރުވަނީއެވެ.

ކޮންމެ ކަމެއް ކުރުމަށްވެސް އުސޫލެއް ކަނޑައަޅައި އެގޮތަށް އަމަލު ކުރާފަދައިން ވެމްކޯއިންވެސް އާންމު ރައްޔިތުންނަށް އުނދަގޫނުވާނޭހެން ކުނީގެ މައްސަލައަށް ހައްލެއް ގެނެސްދޭންވެއްޖެއެވެ. އަދި އެމީހުން އެ ކަނޑައަޅައި، ގެންގުޅޭ އުސޫލެއް އާންމު ރައްޔަތުންނަށް ސާފުކޮށް އަންގަންވެއްޖެއެވެ.

މިހާރު އިހުނަށްވުރެ ބޮޑަށް މާލެތެރެ ގޮނޑުވެއްޖެއެވެ. މަގުތަކާއި ދުވާރުމަތިން ކުނި ހުސްވާ އިރެއް ނުދެއެވެ. މިކަމަށް އަވަސް ހައްލެއް ހޯދަން ވެއްޖެއެވެ.