ލ. މާވަށު "އާފަރު" ގެއިން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލީ އުސޫލާ އެއްގޮތަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ ޚިލާފުވެ، ހޯދާފައިވާ ކަރަންޓުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދީފައިވާ ފުރުސަތުތަކުގައި ވެސް ފައިސާ ނުދައްކައި، ދިން އެންމެ ފަހު ފުރުސަތު 03 އޮކްޓޯބަރ 2021 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. ޢާންމުކޮށް ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، އަޙްމަދު މޫސާ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ލ. މާވަށު "އާފަރު" އެވެ ކިޔާ ގޯތީގައި ހުރި ޢިމާރާތްތަކަށް ދެވިފައިވާ ކަރަންޓުގެ ޚިދުމަތް 4 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަގުތީގޮތުން ކަނޑާލެވިފައިވާ ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން ގޯތީގެ ވެރިފަރާތުން، އެ ކުންފުނިން ހޯދާފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ޝަރުޢީ ކޯޓެއް މެދުވެރިކޮށް، ވަގުތީ ޢަމުރެއްގެ ދަށުން ދާއިމީ ފަރުވާއެއް ލިބޭނެ ޤާނޫނީ ބަހަނާއެއް ހޯދުމުގެ ބޭނުމުގައި، ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 2015/SC-SJ/06 (25 ޖޫން 2015) "ރިޓް އޮފް ޕްރޮހިބިޝަން" އަށް ޙަވާލާދެއްވައި، 06 އޮކްޓޯބަރ 2021 ވަނަ ދުވަހު އެކޯޓުން ނިންމަވައި ޙުކުމް ކުރައްވާފައިވާތީ، ވަގުތީގޮތުން ޚިދުމަތް ކަނޑާލި ކަނޑާލުމާމެދު މިވަގުތަށް ޤާނޫނީ ބަހުސެއް އުފެދިފައި ނުވާކަން ފެނަކައިން ވަނީ ވިދާޅުވެފައެވެ.
އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ލާޒިމްކުރާ ޚިދުމަތްތަކަކަށް ވެފައި، ޚިދުމަތް ލިބިގަތުމަށް އޮންނަ އުސޫލުތަކާ ޚިލާފުވެގެން ޢާންމު ފަރުދުން ދިރިއުޅޭ ގެތަކުން ވެސް ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން ކަނޑާލުމަކީ އަބަދު ވެސް ޢަމަލުކުރަމުންދާ، ޤާނޫނީގޮތުން ވެސް އެ ކުންފުންޏަށް ބާރުލިބިދީފައިވާ އުސޫލެއްކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް، ރަސްމީ ހައިސިއްޔަތު ބޭނުން ކުރައްވައިގެން އަމިއްލަ މަސްލަޙަތު ކުރިއަށް ނެރުއްވައި، ރަށުކައުންސިލްގެ ރައީސް މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވުމަކީ އެ ކުންފުނިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އެ ކުންފުންޏަށް ނިސްބަތްކޮށް ވަކިފަރާތަކުން ދައްކާ ވާހަކައަކާމެދު އެ ކުންފުނީގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ކަމުގެ ދެފަރާތް ރައްޔިތުންނަށް ސާފުވާގޮތަށް ޚަބަރު ފެތުރުމަކީ މިނިވަން ނޫސްވެރިކަމުގެ އެންމެ އަސާސީ ސިފަ ކަމަށް ވީއިރު، އެ ޚަބަރު ފެތުރި މީޑިއާތަކުން އެއާ ޚިލާފަށް ޢަމަލުކޮށްފައިވުމަކީ ޒިންމާދާރުކަމެއް ނެތް ކަމެއް ކަމުގައި ވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
އެ ކުންފުނިން ވިދާޅުވީ އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯއްދަވާ ފަރާތްތަކާއެކު އެއްބަސްވެވޭ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިން ދެވޭ ޚިދުމަތްތަކެއް ކަމަށެވެ. އުސޫލުން ބޭރުން ނުވަތަ ނުޙައްޤުން، އެއްވެސް ފަރާތަކަށް ދީފައިވާ ޚިދުމަތެއް ކަނޑާލުމަކީ އެ ކުންފުނިން ކުރާނެ ކަމެއް ނޫންކަމުގައި އެންމެހައި ކަސްޓަމަރުންނަށް ޔަޤީންކޮށް އަރުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެ ކުންފުނިން ވިދާޅުވީ ދެވޭ ޚިދުމަތްތަކަކީ ހުރިހާ ފަރާތްތަކަށް އެއް އުސޫލަކުން ޢަމަލުކުރެވިގެން ދެވޭ ޚިދުމަތްތަކަކަށް ވެފައި، ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނީ، އެއްބަސްވެވިފައިވާ އުސޫލުތަކާއެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް ޢަމަލުކުރައްވައިގެން ކަމަށެވެ.
ޚިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކުން ވެސް، ކަނޑައަޅައި އެއްބަސްވެވިފައިވާ އުސޫލުތަކާއެއްގޮތަށް ޢަމަލުކުރެއްވުމަށް ފެނަކައިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.