ކޮވިޑް19އާ ގުޅިގެން އިންޑިއާގެ އިގްތިސާދަށް ހިޔަންޏެއް އެޅުނު ނަމަވެސް އިންޑިއާގައި ލަގްޒަރީ ކާރާއި އަގު ބޮޑު ސްމާޓް ފޯނާއި ލެޕްޓޮޕް ގަތުމަށް މީހުން ހޭދަކޮށްފައިވާ ކަމަށް ދައްކައެވެ. ސީއީއޯންތައް ލަފާ ކުރާ ގޮތުން ކޮވިޑްގެ ވަބާގައި މީހުންގެ ހޭދަ ކުރުމުގެ ސުލޫކަށް އައިސްފައިވާ ބަދަލުން ދައްކަނީ މީހުންގެ އަތުގައި ހޭދަ ކުރުމަށް ފައިސާ ހުންނަ ކަމެވެ. އަދި ކޮވިޑްގެ ފުރަބަންދުގެ ކުރިން އިޖުތިމާއީ ހަރަކާތަށް ހޭދަ ކުރުމަށް ބޭރުން ކައި ހެދުމާއި ދަތުރުފަތުރަށް ހޭދަ ކޮށް ހެދުމަށްފަހު، އެ ހޭދަތައް ކޮވިޑާ ގުޅިގެން ލަގްޒަރީ ސާމާނަށް މީހުން ހޭދަ ކުރީ ކަމަށެވެ.
މި މައުލޫމާތު އެއްކޮށްފައި ވަނީ މާކެޓް ޑޭޓާ ހޯދައި އެއްކުރާ އިންޓެލިޖެންސް ކުންފުނި ކަމަށްވާ ޖީއެފްކޭ އިންޑިއާއިންނެވެ.
އަގު ބޮޑު ވައްތަރުގެ ލެޕްޓޮޕްގެ ވިޔަފާރި ވަނީ ޖެނުއަރީން އޯގަސްޓް މަހާ ދޭތެރޭ 26 ޕަސެންޓަށް އިތުރު ވެގެން ގޮސްފައެވެ. އަގު ބޮޑު ލެޕްޓޮޕް ކަމަށް ގިންތިކޮށްފައި ވަނީ އިންޑިއާ ރުފިޔާގެ 60 ހާހުން ފެށިގެން މަތީގެ އަގުތަކުގެ ލެޕްޓޮޕް ތަކެވެ. މި އަދަދު އަޅާ ބަލާއިރު 2019ގެ ހަމަ އެމުއްދަތުގައި އެ ބާވަތުގެ ލެޕްޓޮޕް ވިކޭ ނިސްބަތް އުޅުނީ 13 އިންސައްތައިގައެވެ.
50 އިންޗީގެ ޓީވީ ގަތް ނިސްބަތްވެސް ވަނީ އިތުރު ވެގެން ގޮސްފައެވެ. މި ސައިޒުގެ ޓީވީގެ ވިޔަފާރި ވަނީ ފަސް ޕަސެންޓުން 12 ޕަސެންޓަށް އިތުރު ވެގެން ގޮސްފައެވެ.
ދޮންނަ މެޝިންގެ 7 ކިލޯ އިން ފެށިގެން މަތީގެ ސައިޒުގެ ވިޔަފާރި 58 އިންސައްތައިގައި އޮތުމަށްފަހު 70 އިންސައްތައަށް އަރާފައި ވެއެވެ.
350 ލީޓަރުގެ އައިސް އަލަމާރީގެ ވިޔަފާރި 3އިންސައްތގައި އޮތުމަށްފަހު ހަ ޕަސެންޓަށް އިތުރު ވެފައި ވެއެވެ.
25 ހާސް ރުޕީސްއިން މަތީގެ ސްމާޓް ފޯނުގެ ވިޔަފާރި ވަނީ 150 ގުނައަށް އިތުރު ވެގެން ގޮސްފައެވެ.
އަގު ކާރު ކަމަށް ބަލާފައި ވަނީ އެއް މިލިއަން ރުޕީސްއަށް ވުރެން އަގު ބޮޑު ވައްތަރުގެ ކާރުތަކެވެ. ޖެނުއަރީން އޮގަސްޓާ ދޭތެރޭގައި އެއް މިލިއަން ރުޕީސްއަށް އަގު ދަށް ވައްތަރުގެ ކާރުތަކުގެ ވިޔަފާރި ވަނީ 160 ޕަސެންޓަށް އިތުރު ވެގން ގޮސްފައެވެ. އަދި އެއް މިލިއަން ރުޕީސްއަށް ވުރެން އަގު ބޮޑު ވައްތަރުގެ ކާރިތަކުގެ ވިޔަފާރި ވަނީ 210 ޕަސެންޓަށް އިތުރު ވެފައެވެ. މި މަޢުމާތު އެއްކޮށްފައި ވަނީ ޖާޓޯ ޑައިނަމިކްސް އިންޑިއާއިން ނެވެ.
މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑްގެ ސަބަބުން ކޮންސިއުމާ ބިހޭވިއަރ އަށް ވަނީ ބޮޑެތި ބަދަލުތައް އައިސްފަައެވެ. އަދި މީހުންގެ މުސާރަ އިއާދަ ވުމާއި އަދި ކުރިމަގުގައި މީހުންގެ މުސާރަ ބޮޑުވުމުގެ ސަބަބުން މިހާރު މިދާގޮތަށް ލަގްޒަރީ އަދި އަގު ބޮޑު ސާމާނާއި ކޮންސިއުމާ ޕްރޮޑަކްޓްތަކަށް މީހުން އެދޭ މިންވަރު އިތުރު ވަމުން ދާނެއެވެ.