ދިހަ މަސްތެރޭ ފުރަތަމަ ފަހަރަށް އިންޑިއާގެ ވަޒީފާގެ ބާޒާރަށް ދިރުމެއް އައިސްފިއެވެ. އަދި ޚިދުމަތުގެ ދާއިރާވެސް މަޑުޖެހިފައި އޮތުމަށްފަހު މިހާރު ދިރުމެއް އައިސްފިއެވެ.

އިންޑިއާގެ އިގްތިސާދަށް އައިސްފައިވާ ދިރުމަކީ ކޯވިޑް19 ފެތުރެން ފެށުމުން އަޅާފައިވާ ބައެއް ހުރަސްތައް ނައްތާލުމުން ދިމާވެފައިވާ ކުރިއެރުމެކެވެ. އެހެން ނަމަވެސް އަދިވެސް އިންޑިއާގެ އެތެރޭގައި ރައްޔިތުންގެ ދަތުރުފުތުރު ކުރުމުގައި ބައެއް ހުރަސްތައް އެޅިފައި ވެއެވެ. އަދި އިންޑިއާގެ ސަރަހައްދު ވަނީ ބޭރު މީހުންނަށް ބަންދު ކުރެވިފައެވެ.

އިންޑިއާގެ ސާވިސަސް ބިޒްނަސް އެކްޓިވިޓީ އިންޑެކްސް ވަނީ ސެޕްޓެމްބަރު މަހު 55.2 ދަރަޖައަށް ކުރިއަށް ޖެހިފައެވެ. 18 މަސް ވަންދެން ތަރައްގީ ވަމުން ގޮސްފައި 56.7 ދަރަޖައިގައި އިތުމަށްފަހު ޚިދުމަތުގެ ދާއިރާ ވަނީ ވަޅު ޖެހިގެން ގޮސްފައެވެ. 50 ޕަސެންޓްގެ ދަރަޖައަށް ވުރެން ދަށުން ގިންތި ކުރެވިއްޖެނަމަ، ބެލެވޭނީ އެ ދާއިރާ އެއްކޮށް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

މި ދަރަޖަ ކުރުމަކީ ލަންޑަންގައި އޮފީސް ހުންނަ އައިއެޗްއެސް މާރކިޓް އިން ޚިދުމަތުގެ ދާއިރާގައި އުޅޭ 400 ކުންފުންޏަކުން މަޢުލޫމާތު ހޯދައިގެން ތަޙުލީލު ކުރުމަށްފަހު ކުރާ ދަރަޖަ ކުރުމެކެވެ.

ކުންފުނިތަކުން ބުނެފައި ވަނީ ހަކަރަތާތްތައް އިތުރު ވެގެން ދިއުމާއެކު މީހުންނަށް ވަޒީފާ ދިއުމަށް ފުރުސަތު ލިބިގެން ދިޔައީ ކަމަށެވެ.

ވަޒީފާތައް އިތުރުވެ، ޚިދުމަތުގެ ދާއިރާ ފުޅާވާން ފެށިނަމަވެސް ޖުމުލަ ގޮތެއްގައި ކޮވިޑާ ހެދި އަދިވެސް މީހުންގެ ހިތުގައި އިގްތިސާދާ މެދު ބިރުވެރިކަމެއް ވެރިވެފައިވާ ކަމަށް އައިއެޗްއެސް މާކިޓް އިން ބުނެއެވެ. އަދި މިކަން ނޭދެވޭ ގޮތަށް އިގްތިސާދުން ފެންނާން ހުރިކަމަށްވެސް ބުނެއެވެ.